logo
banner image
ޚާރިޖީ ވުޒާރާ

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ހުޅުމާލޭ ސެންޓްރަލް ޕާކުގައި 60 ގަސް އިންދައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ހުޅުމާލޭ ސެންޓްރަލް ޕާކުގައި 60 ގަސް އިންދައިފިއެވެ.

"ސިކްސްޓީ ޓްރީސް ފޮރ ސިކްސްޓީ އިޔާސް" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ މި ޙަރަކާތް ފަށްޓަވައި ދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް އެވެ. އެކަމަނާގެ އަރިހުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަލީ ޝަރީފް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓާޔަރޑް) ޢަލީ ޒުޙައިރު އަދި ދިވެހިރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ޖަމުޢިއްޔާތަކުގެ މަންދޫބުންގެ އިތުރުން ފޮރިން މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފަށްޓަވައި ދެއްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޙަރަކާތަށް ތާޢީދުކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. އަދި މި ހަރަކާތުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، އދ. ގެ މެންބަރުކަން ރާއްޖެ ހޯދިތާ 60 އަހަރު ފުރުންވެސް ފާހަގަކުރިއެވެ.

މި ޙަރަކާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ ތިމާވެށި ރައްކާތެރިކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ދެގޮތެއްނުވެ އޮތް މައި އަސާސެއް ކަމުގައި ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު މިހާރުވެސް ކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވައި، ދިވެހިންގެ ދިރިއުޅުމާއި އިޤުތިޞާދާއި ސަޤާފަތް ރައްކާތެރިކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުން މުހިންމުކަމުގައި ފާހަގަކުރެއްވިއެވެ. އެ ކަމަނާގެ ވާހަކަފުޅުގައި ވިލުންތެރި އަދި ދެމެހެއްޓެނިވި ރާއްޖެއަކަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޙަރަކާތުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެ ކަމަނާ ވަނީ މިއަދު އިންދި 60 ގަހަކީ ތިމާވެށި ރައްކާތެރިކުރުމަށާއި އަންނަން އޮތް ޖީލުތަކަށްޓަކައި އެންމެންގެ މެދުގައި އޮތް ގުޅިފައިވާ ޒިންމާ ރަމްޒުކޮށްދޭނެ ދިރިހުރި ނިޝާނެއް ކަން ފާހަގަކުރައްވާފައެވެ.

މި ޙަރަކާތުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަލީ ޝަރީފް ވެސް ވަނީ ތިމާވެށީގެ ރައްކާތެރިކަމާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޙަރަކާތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ މި ޙަރަކާތުގެ ސަބަބުން، ފެހިކަން އިތުރުކުރުމާއި ތިމާވެށްޓާ ރައްޓެހި ޒިންމާދާރު އާދަތައް އަށަގެންނެވުމުގެ މުހިންމުކަން ހާމަކޮށްދިނުމުގެ އިތުރުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ބޭރު ދުނިޔޭގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ މުހިއްމު ދައުރާމެދު ހޭލުންތެރިކަން އިތުރުކުރެވުނެވެ.