އެން.ޑީ.ސީ ތަންފީޛުކުރުމަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ކަނޑައެޅިފައިވާ ގައުމީ ފެންވަރުގެ މަސައްކަތްތައް ނުވަތަ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަންސް" (އެން.ޑީ.ސީ) ތަންފީޛުކުރުމަށް ލިބޭ އެހީތެރިކަން ދެނެގަތުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުމެއް މިއަދު މާލޭގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، ސަރުކާރު ނޫން ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން މޫސުމީ ބަދަލުތަކަށް ފައިނޭންސް ފޯރުކޮށްދޭ ދާއިރާގެ އެކި ފަރާތްތަކުން ޖުމްލަ 30 ބައިވެރިން ބައިވެރިވިއެވެ.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކާ ގުޅިގެން ލިބޭ މާލީ އެހީތެރިކަން ދެނެގަތުމާއި، އެކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާތަކަށާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް ހުށަހަޅާފައިވާ އުސޫލުތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދު ހޯދުމެވެ.
މި ބައްދަލުވުމުގެ ތެރެއިން "އަޕްކްލޯސް ސޮލިއުޝަންސް" ގެ ޑރ. އަނާ ހަސަން އަދި "އީތާ ޔޫކޭ" ގެ ޖޭމްސް ސެމޫޓް ވަނީ ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ ގައިޑްލައިންތަކާއި، މޫސުމީ ބަދަލުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، އެން.ޑީ.ސީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމުގައި ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މިފަދަ ބައްދަލުވުންތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ކުރައްވަމުންދާ މަސައްކަތްތަކަށް ލިބޭ މުހިންމު ބާރެކެވެ.
-1781448451747.webp)