ހިރިޔާ ސްކޫލުގައި "ވިލުންވެށި" ސްކޫލް ގާޑަން ޕްރޮގްރާމްގެ ތަމްރީނުތައް ފަށައިފި
މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޝްރޫއު (ECRFS) ގެ ދަށުން ކުރިއަށްގެންދާ "ވިލުންވެށި" ސްކޫލް ގާޑަން ޕްރޮގްރާމްގެ އަމަލީ ތަމްރީނުތައް ހިރިޔާ ސްކޫލުގައި ފަށައިފިއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މޫސުމާ ރައްޓެހި ދަނޑުވެރިކަމުގެ އުކުޅުތައް ދަރިވަރުންނާއި މުވައްޒަފުންނަށް ދަސްކޮށްދީ، އެ ދާއިރާއިން ބޭނުންވާ އަމަލީ ހުނަރުތައް ފޯރުކޮށްދިނުމެވެ. މި ތަމްރީނުތަކުގައި ހައިޑްރޯޕޯނިކްސް ސިސްޓަމްތައް ބޭނުންކޮށްގެން ކެބެޖް (ބޮކް ޗޯއި)، ކުއްލަފިލާ އަދި ކީރި ފަދަ ތަކެތި ހައްދާނެ ގޮތް ވަނީ ދަސްކޮށްދީފައެވެ. މީގެ ތެރޭގައި "ނިއުޓްރިއަންޓް ފިލްމް ޓެކްނިކް" (NFT) އާއި "ވާޓިކަލް ޓަވަރު" ސިސްޓަމްތައް ހިމެނެއެވެ.

މީގެ އިތުރުން، ފަސްގަނޑުގައި ގަސް އިންދުމުގެ އަމަލީ މަސައްކަތްތައް ވެސް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކޮމްޕޯސްޓް ބޭނުންކޮށްގެން ގަސް އިންދާނެ ވަޅުގަނޑުތައް ތައްޔާރުކުރުމާއި، ކީރި އަދި ޕެޝަން ފްރުޓް ފަދަ ވެޔަށްދާ ބާވަތްތައް އިންދާނެ ގޮތުގެ ތަމްރީނުތައް ދަރިވަރުންނަށް ލިބިގެންދިޔައެވެ.
މި ހަރަކާތުގައި ދަރިވަރުންނާއި މުދައްރިސުން ގުޅިގެން ހައިޑްރޯޕޯނިކްސް ސިސްޓަމްތައް ރޭވުމާއި، ގަސް އިންދާ ބެޑް ތައްޔާރުކުރުމާއި، އަދި ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ މުހިންމު އުކުޅުތައް ވަނީ ދަސްކޮށްފައެވެ. މިއީ ދަރިވަރުންގެ މެދުގައި ކާނާގެ ރައްކާތެރިކަމާއި، ރަނގަޅު ކާނާގެ މުހިންމުކަމުގެ އިތުރުން މޫސުމީ ބަދަލުތަކަށް ކެތްތެރި މުޖުތަމައެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ECRFS މަޝްރޫއުގެ ދަށުން ހިރިޔާ ސްކޫލުގައި ގާއިމުކުރެވުނު މި ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ފޯރުކޮށްދެމުންދާނެ ކަމަށް އެ މަޝްރޫއުން މައުލޫމާތުދެއެވެ.
