ދުނިޔޭގެ ކަނޑު ތަކުގެ ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް އޯޝަން ފެސްޓިވަލް' ގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް މި ވުޒާރާއިން ނިންމައިފިއެވެ.
ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތައް އޮންނާނީ 20 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 17:30 އަށެވެ.
ވޭތުވެދިޔަ ދެ އަހަރެކޭ އެއް ފަދައިން މިއަހަރުގެ ފެސްޓިވަލްވެސް ކުރިއަށްދާނީ ކުޑަކުދިންނަށް ތަފާތު މޫދު ކުޅިވަރުތަކާއެކުއެވެ އަދި އެކި އޮފީސް/ ކުންފުނިތަކުގެ މަސައްކަތްތައް ކުޑަކުދިންނާ ގުޅޭގޮތަށް ދައްކުވައިދޭ ސްޓޯލް ތައްވެސް ބެހެއްޓިފައި ހުންނާނެއެވެ. މިދިޔަ އަހަރުގެ އޯޝަން ޑޭ ހަރަކާތްތަކަށްވެސް އާންމުންގެ ބޮޑުތަރުހީބެއް ވަނީ ލިބިފައެވެ.
މިއަހަރުގެ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވަރީ ބަބުލް" ގެ ނަމުގައި ފީނުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މިއީ ޑައިވް ކިޓް ބޭނުންކޮށްގެން ފަރުގެ ގުދުރަތީ ރީތިކަން ކައިރިން ބަލާލުމަށް ކުޑަކުދިންނަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތެކެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
https://gazette.gov.mv/iulaan/395823
މީގެއިތުރުން މިއަހަރުގެ ފެސްޓިވަލް ކުރިއަށްދާ ވަގުތު އެސަރަޙައްދުން އުފެއްދުންތެރި ލުއި ކާނާއާއި ފިނި ބުއިން ލިބޭނެ ގޮތަށް މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
