ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރާއި ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް، ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގ ޔޫބޯއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް އެ ކަމަނާއަށް ދެއްވި ދަޢުވަތަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. މިގޮތުން މި ދަތުރުފުޅަކީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އެކަމަނާ ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކުރައްވަމުން، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ. މީގެ އިތުރުން، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޚާއްޞަ ސަމާލުކަމެއް ދެއްވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ޔުނާން ޕްރޮވިންސުން ރާއްޖެއަށް ފޯރުކޮށްދެމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. މިގޮތުން ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި ޔުނާން ޕްރޮވިންސް އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ފުޅާކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަޒީލް ނަޖީބާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އާއި ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤް އަދި ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މިޒްނާ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.
-1781254173522.webp)