ތ. ގުރައިދޫ ސްކޫލުގައި ލީޑަރޝިޕް އެންޑް ފޮލޯވަރޝިޕް ސެޝަންތަކެއް ކުރިއަށް ގެންގޮސްފި
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން، ތ.ގުރައިދޫ ސްކޫލުގެ ދަރިވަރުންނާއި، ޓީޗަރުންނަށް އަދި މުވައްޒަފުންނަށް އަމާޒުކޮށްގެން "ލީޑަރޝިޕް އެންޑް ފޮލޯވަރޝިޕް" ސެޝަންތަކެއް ކުރިއަށްގެންގޮސްފިއެވެ.
މިއަދު ކުރިއަށްދިޔަ މި ސެޝަންތައް ބާއްވާފައިވަނީ ދަރިވަރުންނާއި، ޓީޗަރުން އަދި މުވައްޒަފުންނަށް ވަކިވަކިންނެވެ. މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި، ލީޑަރޝިޕާއި، މުޢާމަލާތުކުރުމުގެ ހުނަރުތަކާއި،އިތުބާރު އުފެއްދުމާއި އިސްނެގުން އަދި ކެރިގެން ކަންކަމާ ކުރިމަތިލާނެ ގޮތްތަކާއި، ލަނޑުދަނޑި ހާސިލުކުރާނެ ގޮތްތަކުގެ އިތުރުން ގޮތް ނިންމުމުގެ (ޑިސިޝަން މޭކިންގ) ހުނަރުތައް ހިމެނެއެވެ.
ގުރައިދޫ ސްކޫލުގައި މިއަދު ކުރިއަށްގެންދިޔަ މި ސެޝަނުގައި އެ ސްކޫލުގެ 50 ދަރިވަރުންނާއި، 43 ޓީޗަރުން އަދި 5 މުވައްޒަފުން ބައިވެރިވިއެވެ.
މި ސެޝަން ނަގައިދެއްވީ ސެންޓްރަލް އޭރިއާ ކޮމާންޑުގެ މުދައްރިބުންނެވެ.
