އިންޑިއާ އިން ވެކްސިން އަދި މެޑިކަލް ކޮންސިއުމަބަލްސް ހަދިޔާކޮށްފި
އިންޑިއާ ސަރުކާރުން ވެކްސިން އަދި މެޑިކަލް ކޮންސިއުމަބަލްސް، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ހަދިޔާކޮށްފިއެވެ.
މީގެތެރޭގައި އެމް.އާރް ވެކްސިން އަދި ހިމަބިހި ޓެސްޓުކުރުމަށް ބޭނުންވާ ތަކެއްޗާއި، މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމުގައި ބޭނުންކުރާ ސާމާނު ހިމެނެއެވެ.
މިކަމަށްޓަކައި މި މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރ ހިޒް އެކްސެލެންސީ ޖީ. ބަލަސުބްރަމާނިއަމް އެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީއެވެ.
ދިވެހިރާއްޖެއަށް ދިމާވާ ކަންކަމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް އިންޑިއާ ސަރުކާރަށާއި ހައިކޮމިޝަން އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް މިނިސްޓަރ ގީލާ އަލީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
