މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސް، އަލްފާޟިލް ހަސަން ޒަރީރަށް، މިނިސްޓްރީން ހޫނު މަރުހަބާއެއް ދަންނަވައިފި
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސް، އަލްފާޟިލް ހަސަން ޒަރީރަށް، މިނިސްޓްރީގެ މުވައްޒަފުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ފިނޭންސް މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި، އަލްފާޟިލް މޫސާ ޒަމީރު މިމަހުގެ 8 ވަނަ ދުވަހު އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، މިނިސްޓަރ ކަމުގެ މަޤާމަށް، ރައީސުލްޖުމްޙޫރިއްޔާ އަލްފާޟިލް ހަސަން ޒަރީރު އައްޔަންކުރެއްވެވީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.
މިނިސްޓަރ ޒަރީރު އަކީ ފައިނޭންސް، ޓެކްސޭޝަން، އޮޑިޓިންގ އަދި ކޮމްޕްލަޔަންސްގެ ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އެމަނިކުފާނުގެ މީގެ ކުރިންވަނީ، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހިމެނޭހެން، ދައުލަތުގެ އިސް އެތައް މަޤާމުތަކެއް ފުރުއްވާފައެވެ. މީގެ އިތުރަށް ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރ އޮފް ފައިނޭންސް (ގްރޫޕް ޝެއާޑް ފައިނޭންޝަލް ސަރވިސަސް) އަދި ގްރޫޕް ޗީފް ކޮމްޕްލަޔަންސް އޮފިސަރުގެ މަޤާމު ހިމެނެއެވެ.
މީގެ އިތުރަށް، 2024 މާރިޗު 7 އިން 2024 މޭ 23 އަށް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާމަންގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.
އެމަނިކުފާނު މިނިސްޓްރީގެ ހިންގުމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމާއި، މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް އިޞްލާޙުކުރުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދި، މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުން މިނިސްޓަރ ޒަރީރަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.
