logo
banner image

ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާއިން ފިލިޕީންސާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ ގީލާ އަލީ ޕިލިޕީންސް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު ނީނާ ޕަޑީޔަ ކައިންގލެޓްއާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމަށާއި، މި ދާއިރާ ތަރައްގީކުރުމަށް މިހާރުވެފައިވާ އެއްބަސްވުންތައް އަލުން މުރާޖާކުރުމާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ޑިޖިޓަލް ހެލްތާއި، މިދާއިރާއަށް ބޭނުންވާ ފަންނީ މީހުން ޕިލިޕީންސުން ހޯދުމާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނާއި ތަޢުލީމީ ފުރުޞަތު ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި، ކުޑަކުދިންގެ ރައްކާތެރިކަން ހިމެނޭހެން އިސްކަންދޭ ދާއިރާތަކަށް ޚާއްސަކޮށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.