ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި މިނިސްޓަރ ބައްދަލުކުރައްވައިފި
މިނިސްޓަަރ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ ގީލާ އަލީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ ބައްދަކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޗައިނާއިން ރާއްޖޭގެ ޞިއްޙީ އަދި އިޖުތިމާއީ ދާއިރާގެ ތަރައްގީއަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ވިލިމާލޭގައި އިމާރާތްކުރުމުންދާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ މަޝްރޫޢާއި ކުރިޔަށްގެންދާ މުހިއްމު މަޝްރޫޢުތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި މިދާއިރާއިން މީހުން ތަމްރީން ކުރުމާ ގުޅޭގޮތުން ވެސް ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މިނިސްޓަރ ވަނީ މި ބައްދަލުވުމުގައި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ކޮށްދެއްވާފައިވާ އަގުހުރި މުހިއްމު މަސައްކަތްތަކަށް ފާހަކޮށް ޝުކުރު އަދާކުރައްވާފައެވެ.
