މެނީލާ، ފިލިޕީންސް: އޭޝިއާ ކްލީން އެނާޖީ ފޯރަމްގައި ރާއްޖޭގެ ވަފުދެއް ބައިވެރިވެއްޖެ
އޭޝިއާ ސަރަޙައްދުގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ބާއްވާ އެންމެ ބޮޑު އެއް ފޯރަމް ކަމަށްވާ "އޭޝިއާ ކްލީން އެނާޖީ ފޯރަމް" ގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

2026 ޖޫން 8 އިން 11 އަށް ފިލިޕީންސްގެ މެނީލާގައި ހުންނަ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހެޑްކުއާޓާޒްގައި ކުރިއަށްދާ މި ފޯރަމްގައި ރާއްޖޭގެ ވަފުދު އިސްކޮށް ހުންނެވީ މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުޙައްމަދެވެ.
މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "ބިޔޯންޑް ޓްރާންސިޝަން: ބިލްޑިންގ ސެކިއުއަރ، ރެޒިލިއަންޓް، އިންކްލޫސިވް އެންޑް އިންޓެލިޖަންޓް އެނާޖީ ސިސްޓަމްސް" އެވެ. މި ޝިއާރުގެ ދަށުން، ހަކަތައިގެ ނިޒާމުތަކަކީ ރައްކާތެރި، ދެމެހެއްޓެނިވި، އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ތޫނުފިލި ނިޒާމުތަކަކަށް ހެދުމަށް މަޝްވަރާ ކުރެވޭނެއެވެ.
މި ފޯރަމްގައި ރާއްޖޭގެ ވަފުދުން ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ މަތީ ފަންތީގެ ވައުދުތައް އަމަލީ ސިފައެއްގައި ތަންފީޒުކުރުމެވެ. ޚާއްޞަކޮށް، މިއީ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ، ގޭބިސީތަކާއި މުޖުތަމައުތަކަށް ސީދާ ފައިދާ ކުރާނެ ފަދަ ހަކަތައިގެ އެޖެންޑާއެއް އެކުލަވާލުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި، ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ނިޒާމެއް ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ހުޅުވިގެންދާ މުހިންމު ދޮރެކެވެ. ރާއްޖޭގެ ވަފުދުން މި ފޯރަމްގައި ބައިވެރިވެ، ރާއްޖޭގެ ތަޖުރިބާތައް ހިއްސާކުރުމުގެ އިތުރުން، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރާނެއެވެ.
