ފަރަންސޭސިވިލާތުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު އިރުތިޝަމް އާދަމް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ގެ އަރިހަށް ފަރަންސޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ރެމީ ލެމްބަރޣް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ހެނދުނު ކުރައްވައިފިއެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ސަފީރު ރެމީ ލެމްބަރޣް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ރެމީ ލެމްބަރޣް ވަނީ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ބޭފުޅުންގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެ ޤައުމަށްވެސް ފައިދާހުރި ދައިރާތަކަށް އިސްކަންދީގެން ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
އަދި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ސަފީރު ލެމްބަރޣް ގެ ސަފީރު ކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ފުޅާކަރެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ކާމިޔާބީ ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހުގައި ސެކްރެޓަރީ، ޑރ. ހާލާ ޙަމީދު އާއި ސެކްރެޓަރީ މަލްޓިލެޓަރަލް، އަލްފާޟިލް އަޙްމަދު ޝިޢާން އާއި ޖޮއިންޓް ސެކްރެޓަރީ، އަލްފާޟިލް ޙަސަން ޙުސެއިން ޝިހާބް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ، އަލްފާޟިލް އަޙްމަދު ހާނީ ނަޢީމް ގެ އިތުރުން ޑެޕިއުޓީ ޑެސްކް އޮފިސަރ އަލްފާޟިލާ އާމިނަތު އިބާ އަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
