logo
banner image
ޚާރިޖީ ވުޒާރާ

ނެދަލެންޑްސް ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ގެ އަރިހަށް ނެދަލެންޑްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ވީބީ ޔާކޮބް ޑެ ބޯ އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ހެނދުނު ކުރައްވައިފިއެވެ.

ވަޒީރު އިރުތިޝާމް ވަނީ ސަފީރު ވީބީ ޔާކޮބް ޑެ ބޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މިއަދު އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރާއި ނެދަލެންޑްސް ސަފީރުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ތަޢުލީމާއި ފަތުރުވެރިކަމާއި ތިމާވެށްޓާއި އިޤްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ވަޒީރު އިރުތިޝާމް ގެ އަރިހުގައި ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި ސެކްރެޓަރީ މަލްޓިލެޓަރަލް އަލްފާޟިލް އަޙްމަދު ޝިޢާން އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ގެ ނައިބު އަލްފާޟިލާ އާމިނަތު މިނާ އާއި ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލް ޙަސަން ޙުސެއިން ޝިހާބް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހާނީ ނަޢީމް ގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ، އަލްފާޟިލާ ޢާއިޝާ މަޔާސީން މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.