logo
banner image

މަސައްކަތް ކުރާނީ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމަނައިގެން – ވަޒީރު ހީނާ

ދާއިރާގެ މަސައްކަތްތައް ރާއްވަވައި، ހިންގެވާނީ ދާއިރާގެ މަސައްކަތް ކުރާ ވީހާ ވެސް ގިނަ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން ކަމުގައި ފަންނާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއާ އެކު މިއަދު އެ ވުޒާރާގައި ކުރިއަށް ދިޔަ ބައްދަލުވުމުގައެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ މި ދާއިރާގެ ޢިލްމީ އަދި ފަންނީ ބޭފުޅުން ހިމެނޭހެން އެންމެންގެ ވެސް ބައިވެރިވުމާއި އެހީތެރިކަމާ އެކު ގުޅިގެން ކުރެވޭ މަސައްކަތަކުން ނޫނީ ފަންނާ ސަގާފަތާއި ތަރިކައިގެ ދާއިރާ ތަރައްޤީ ނުކުރެވޭނެ ކަމަށެވެ. އަދި ދާއިރާ ތަރައްޤީ ކުރުމަށް ވަޒީރު ކުރައްވާ މަސައްކަތްޕުޅު ބައްޓަން ކުރައްވާނީ އެ ރޫޙު އުފެއްދޭނޭ ގޮތުގައި ކަމުގެ ޔަޤީންކަން އެކަމަނާ ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގައި ޖަމިއްޔާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޖަމިއްޔާގެ ރައީސް ޠާހާ އަބޫބަކުރުގެ އިތުރުން ސެކެޓްރީ ޖެނެރަލް އަޙްމަދު އަފްރަހެވެ.

ޖަމިއްޔާގެ ރައީސްވަނީ ޖަމިއްޔާގެ ފަރާތުން ކުރިން ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރާވައިފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވަޒީރާ ޙިއްސާ ކުރައްވައި، މި މަސައްކަތަށް ވުޒާރާގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

އަދި ހަމައެހެންމެ، އަމިއްލަ ޖަމިއްޔާއެއްގެ ހައިސިއްޔަތުން މިދާއިރާގައި ކުރާ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަކުގެ މައުލޫމާތުވެސް ޖަމިއްޔާގެ ރައީސް ވަނީ ވަޒީރަށް އަރުވާފައެވެ.