މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، އަލްފާޟިލް ޙަސަން ޒަރީރު މިއަދު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، އަލްފާޟިލް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފިއެވެ.
ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.
މިނިސްޓަރ ހަސަން ޒަރީރަކީ ދައުލަތުގެ މާލިއްޔަތު، ޓެކްސްގެ ނިޒާމު، ކޯޕަރޭޓް ގަވަރނަންސް، ކޮމްޕްލަޔަންސް، އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ބެލެހެއްޓުމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
ފިނޭންސް މިނިސްޓަރ ކަމުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން، ޒަރީރު ވަނީ މެއި 2024 އިން ފެށިގެން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރައްވާފައެވެ.
އަދި ޖެނުއަރީ 2025 އިން ފެށިގެން، އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ) ގެ ދަށުން ހިންގާ ގްލޯބަލް ފޯރަމް އޮން ޓެކްސް ޓްރާންސްޕޭރެންސީގެ އޭޝިއާ އިނިޝިއޭޓިވްގެ ކޯ-ޗެއާގެ މަގާމުވެސް އެމަނިކުފާނު ގެންދަވަދަނީ ފުރުއްވަމުންނެވެ.
މިނިސްޓަރ ޒަރީރު ވަނީ ދައުލަތުގެ އަދި އަމިއްލަ ދާއިރާގެ އެކި އިސް މަގާމުތައް ފުރުއްވާފައެވެ. އެގޮތުން މާރިޗު 2024 އިން މެއި 2024 އަށް ބޭންކް އޮފް މޯލްޑިވްސް ޕީއެލްސީގެ ބޯޑު އޮފް ޑިރެކްޓަރުންގެ ޗެއަރޕާސަންގެ މަގާމު އަދާކުރެއްވިއެވެ. އަދި 2019 އިން 2024 އަށް ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އޮފް ފައިނޭންސް، ގްރޫޕް ޝެއަރޑް ފައިނޭންޝަލް ސަރވިސަސް، އަދި ގްރޫޕް ޗީފް ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމު ފުރުއްވާފައެވެ.
މީގެކުރިން، 2010 އިން 2019 އަށް މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ބޯޑުގެ ޑެޕިއުޓީ ޗެއަރޕާސަން އަދި ބޯޑު މެންބަރުކަން އެމަނިކުފާނު އަދާކުރެއްވިއެވެ. އެ މަގާމުގައި ހުންނަވައިގެން ޓެކްސް އިދާރާ ހިންގުމާއި، އޮޑިޓް ހުއްދަތައް ދިނުމާއި، ޓެކްސް ސިޔާސަތުތައް އެކުލަވާލުމާއި، އޮޓޮމޭޝަން މަޝްރޫއުތަކާއި، ޓެކްސް އޮޑިޓަރުންނާއި ޓެކްސް އެޖެންޓުންނަށް ލައިސަންސް ދިނުމުގެ އިތުރުން، ފަންޑް ހިފެހެއްޓުމާއި ފަންޑުން ދެފަހަރަށް ޓެކްސް ނެގުން ހުއްޓުވުމުގެ މުއާހަދާތަކުގެ މަޝްވަރާތަކުގައި އެމަނިކުފާނު އަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިނިސްޓަރ ހަސަން ޒަރީރުގެ މަސައްކަތުގެ ކުރީކޮޅު، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމާއި، ޕަބްލިކް ފައިނޭންސް ރިފޯމް ޕްރޮޖެކްޓްގެ އޮޕަރޭޝަންސް މެނޭޖަރުގެ މަގާމު އަދާކުރެއްވިއެވެ.
އެގޮތުން ދައުލަތުގެ މާލީ ނިޒާމު (ޕަބްލިކް އެކައުންޓްސް ސިސްޓަމް) ގާއިމުކުރުމާއި، ސަރުކާރުގެ ފައިސާ ދޫކުރުމުގެ އިންތިޒާމުތަކާއި، މާލީ ލަފާކުރުންތަކާއި، ދައުލަތުގެ ހިސާބުތައް ތައްޔާރުކުރުމާއި، އަދި ސަރުކާރުގެ އޮފިޝަލުންނަށް މާލީ ތަމްރީނު ދިނުމުގައި އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވާފައެވެ.
މީގެއިތުރަށް، ޕަބްލިކް އެންޓަރޕްރައިޒަސް މޮނިޓަރިންގް އެންޑް އިވެލުއޭޝަން ބޯޑުގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސް.އޯ.އީ) ހިންގުން ބެލެހެއްޓުމާއި، ކުންފުނިތަކުގެ ބަޖެޓް މުރާޖައާކުރުމާއި، އަދި ދައުލަތުގެ ކުންފުނިތަކާ ބެހޭ ކަންކަމުގައި ފަންނީ ލަފާދެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.
މިނިސްޓަރ ޒަރީރު ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް ސައިންސް އިން ފައިނޭންސް އަދި ބެޗްލަރ އޮފް އެކައުންޓިންގް ހާސިލުކުރައްވާފައެވެ. އެމަނިކުފާނަކީ އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް އަދި ޗާޓަޑް ގްލޯބަލް މެނޭޖްމަންޓް އެކައުންޓަންޓް އެކެވެ. އަދި ސީ.ޕީ.އޭ އޮސްޓްރޭލިއާގެ ސެޓިފައިޑް ޕްރެކްޓިސިންގް އެކައުންޓަންޓެއްވެސް މެއެވެ.
މީގެ އިތުރަށް އެމަނިކުފާނު ބޯޑު މެންބަރުކަން ކުރައްވާފައިވާ ކުންފުނިތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް، ސޮލަރެލް އިންޝުއަރެންސް، މީރާ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ، މޯލްޑިވްސް އެންޓަޓެއިންމަންޓް ކޮމްޕެނީ ލިމިޓެޑް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސާކް ޑިވެލޮޕްމަންޓް ފަންޑް، އަދި ސާކް ފައިނޭންޝަލް އެކްސްޕާޓްސް ގްރޫޕް ހިމެނެއެވެ.
މިނިސްޓަރ ޒަރީރުގެ ފަންނީ ދާއިރާތަކުގެ ތެރޭގައި ދައުލަތުގެ މާލީ މެނޭޖްމަންޓް، ޓެކްސް އިދާރާ ހިންގުން، ދައުލަތުގެ ކުންފުނިތައް މޮނިޓާކުރުން، ކޯޕަރޭޓް ފައިނޭންސް، ކޮމްޕްލަޔަންސް، ރިސްކް މެނޭޖްމަންޓް، އިންޓަރނަލް ކޮންޓްރޯލްސް، ސްޓްރެޓީޖިކް ފައިނޭންޝަލް ޕްލޭނިންގް އަދި ބޯޑު ގަވަރނަންސް ހިމެނެއެވެ.
