ކަނޑުގެ ލެވަލް އުފުލުމުގެ ސަބަބުން ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރު މިމްރާހު ވާހަކަފުޅު ދައްކަވައިފި
ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްދާ "އައިލެންޑް ސްޓޭޓްސް އޯޝަން ސަމިޓް" ގެ ހަވާސާގައި ބޭއްވުނު "ސީ ލެވެލް ރައިޒް އެންޑް އިންޓަރނޭޝަނަލް ލޯ" މަތީ ފަންތީގެ ޕެނަލް މަޝްވަރާގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް މިމްރާހު ބައިވެރިވެވަޑައިގެންފިއެވެ.
ނިޕޯން ފައުންޑޭޝަނުން އިންތިޒާމުކޮށް، ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ޔުނެސްކޯގެ އިންޓަގަވަމަންޓަލް އޯޝަނޯގްރަފިކް ކޮމިޝަން (UNESCO/IOC) ގުޅިގެން ބޭއްވި މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކުގެ އިގްތިސާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ސްޓޭޓް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.
މިމްރާހުގެ ވާހަކަފުޅުގައި، ކަނޑުގެ ލެވަލް އުފުލުމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގައުމުތަކުގެ އިސްތިގުލާލާ ގުޅިފައިވާ ސީރިއަސް މައްސަލައެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ގައުމުތަކުގެ އުމްރާނީ ތަރައްގީއަށާއި، މަސްވެރިކަމާއި ފަތުރުވެރިކަން ފަދަ މައިގަނޑު އިގްތިސާދީ ސިނާއަތްތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަމިޓަކީ ކަނޑުގެ ލެވަލް އުފުލުމުގެ ސަބަބުން ކުރިމަތިވާ ގާނޫނީ އަދި ފަންނީ ގޮންޖެހުންތަކާ މެދު ދުނިޔޭގެ ފެންވަރުގައި މަޝްވަރާކޮށް، ހައްލު ހޯދުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ މޫސުމީ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތު ކުރަމުންނެވެ.
މި ސަމިޓަކީ ދުނިޔޭގެ އެކި ކަނޑުތަކުގެ ސަރަޙައްދުތަކުގައި ހިމެނޭ ޖަޒީރާ ޤައުމުތަކާއި، ކަނޑުތަކާ ގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރުން އެއްވެ، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތައް ބޭނުންކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މުހިންމު ބައްދަލުވުމެކެވެ.
-1780849485633.webp)