އިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް ކައުންސިލްތައް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި
އިމާރާތްކުރުމުގެ ޤާނޫނާއި (ޤާނޫނު ނަންބަރު: 4/2017) އެ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުތަކަށް ރަށު ކައުންސިލްތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ކ.، ވ.، އދ.، އއ.، ޅ. އަދި ބ. އަތޮޅުގެ ރަށު ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުމެވެ. އެގޮތުން އިމާރާތްކުރުމުގެ ހުއްދަ ނެގުމާއި، ކުރެހުންތައް ފާސްކުރުމާއި، ޕްރޮޖެކްޓްތަކަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތަކާ ބެހޭ މައުލޫމާތު މި ޕްރޮގްރާމްގެ ތެރެއިން ދިނުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދާއި، ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދާއި އެ ގަވާއިދުގެ ދަށުން ކުރެހުން ފާސްކުރުމާއި ހުއްދަތައް ދޫކުރާނޭ ގޮތާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތަކާއި ކޮންޓްރެކްޓަރުންގެ ޒިންމާތަކާ ގުޅޭ ތަފުސީލީ މައުލޫމާތުވެސް ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.
މިއީ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އާންމުން އިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް ހޭލުންތެރިކުރުވުމަށް މިނިސްޓްރީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހިންގޭ ޕްރޮގްރާމެކެވެ.
