logo
banner image

"ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" 20 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ކައުންސިލް ތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަކުރާނެ ގޮތުގެ ގަވައިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވައިދުގެ މާއްދާތައް ވަކިވަކިންނެވެ.

ކައުންސިލްތަކުން ޚަރަދުކުުރުމުގައި ގެނގުޅެންޖެހޭ އާއްމު މިންގަނޑު 20.

(ހ) ކައުންސިލްތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި އަމަލުކުރަންވާނީ، ޤާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާ މުސާރައިގެ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެމަތީން އަދި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާ ޤަވައިދުތަކާއި ތަޢާރުޟު ނުވާ ގޮތުގެމަތީންނެވެ. މިގޮތުން މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ހޮވާ މުވައްޒަފުންނަކީ ދައުލަތުގެ މުވައްޒަފުންނެވެ.

(ށ) ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް ހިނގާ ޚަރަދު، އެ އަހަރެއްގެ ކައުންސިލުގެ ބަޖެޓުން ހަމަޖައްސަންވާނެއެވެ. މިގޮތުން ސިވިލްސަރވިސްގެ އޮނިގަނޑުގައިވާ މަޤާމުތަކާއި، ކައުންސިލަރުންގެ މުސާރައާއި ޢިނާޔަތްތަކަށް ހިނގާ ޚަރަދު ހަމަޖައްސަންވާނީ މި ގަވައިދުގެ 19 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެ އަހަރަކަށް ފާސްކުރާ ކައުންްސިލްގެ ބަޖެޓުގެތެރެއިންނެވެ.

(ނ) ވަގުތީ މުވައްޒަފުން ކައުންސިލަށް ހޯދިދާނެއެވެ.އެފަދަ މުވައްޒަފުން ހޯދަންވާނީ ޤަވައިދު (ދިވެހި ސިވިލްސަރވިސްގެ ގަވައިދުގެ 2014) އާއި ޚިލާފު ނުވާ ގޮތުގެމަތީން، ވަކި މުއްދަތަކަށް، ވަކި ޚާއްސަ މަަސައްކަތެއް ކުރުމަށެވެ. އަދި އެ މަޤާމަކަށް ބަޖެޓުން ޚަރަދުކުރެވޭނެކަން ކައުންސިލްގެ ރައީސާއި ސެކެޓްރީ ޖެނެރަލް ކަށަވަރުކުރަންވާނެއެވެ.

(ރ) ކައުންސިލްތަކުން އައު މަޤާމަކަށް މުވައްޒަފުން (ދާއިމީ މުވައްޒަފެއް ނުވަތަ ވަގުތީ މުވައްޒަފެއްކަމުގައިވީނަމަވެސް) ހުއްދަ ދޭންވާނީ (ދިވެހި ސިވިލްސަރވިސްގެ ގަވައިދުގެ 2014) އާއި ޚިލާފު ނުވާ ގޮތުގެމަތީން، ކައުންސިލަށް ހުށަހަޅައި އެކަމެއް ކައުންސިލުން ފާސްކުރުމުންނެވެ.

(ބ) ކައުންސިލްގެ ބެޖެޓުން ހިންގުމަަށް ރާވާފައިވާ ޕްރޮގްރާމްތަކަށް ޚަރަދުކުރަންވާނީ، މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި، މަހުން މަހަށް ހިނގާ ޚަރަދުތައް (ކުލި، ކަރަންޓް، ފެން، ސެކިއުރިޓީ ފަދަ ކަންކަން) ހަމަޖެއްސޭނެކަން ކަށަަވަރުކުރުމަށްފަހުއެވެ.

(ޅ) ކައުންސިލްތަކުގެ ބަޖެޓުން، ޚަރަދުކުރަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

(ކ) ތަކެތީގެ ނުވަތަ ޚިދުމަތުގެ އަގު ހެޔޮކުރުމުގެ ގޮތުން އެހީއެއް ނުވަތަ ސަބްސިޑީއެއް ކައުންސިލުންފޯރުކޮށްދީގެން ނުވާނެއެވެ.

(އ) ކައުންސިލްތަކުން ފައިސާ އާއި "އިން-ކައިންޑް" އެހީ ފޯރުކޮށްދެވޭނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 73 ވަނަ މާއްދާއާއި، އެއްގޮތްވާ ގޮތުގެމަތީންނެވެ.

(ވ) ކައުންސިލްތަކުން ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި ދިމާވާ މައްސަލައަކާއި ގުޅިގެން ގެއްލުމުގެ ބަދަލުގައި އެއްވެސް ފަރާތަކަށް ފައިސާ ދޭންޖެހޭ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން، ދައުލަތުގެ މާޅިއްޔަތުގެ ގަވައިދުގައިވާ އިޖުރާއަތްތަކާއި އަދި އެއްބަސްވުންތައް ތަންފީޛު ކުރުމުގައި އަމަލުކުރެވޭ ބެސްޓް ޕްރެކްޓިސް އާއި އެއްގޮަތަށް ޢަމަލުކުރަންވާނެއެވެ.

(މ) ކައުންސިލްތަކުން ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި ދިމާވާ މައްސަލައަކާއި ގުޅިގެން ގެއްލުމުގެ ބަދަލުގައި އެއްވެސް ފަރާތަކަށް ފައިސާ ދޭންޖެހިއްޖެ ހާލަތެއްގައި، އެ ފައިސާ ޚަރަދުކުރަންވާނީ، ކައުންސިލްގެ ބަޖެޓުގެ ތެރެއިންނެވެ. އަދި މި ފައިސާ ދޫކުރަންވާނީ ސަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމެއް ނިހާއީވުމުންނެވެ.