ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ޚާއްޞަ ރުއް އިންދުމުގެ ހަރަކާތެއް ބާއްވައިފި
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޚާއްޞަ ރުއް އިންދުމުގެ ޙަރަކާތެއް މިއަދު ބާއްވައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ މި ޙަރަކާތަކީ ހުޅުމާލޭ ކޮމިޔުނިޓީ އެލަޔަންސް(އެޗް.ސީ.އޭ) އާއި މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއާއި އެކި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ހިންގި ޙަރަކާތެކެވެ. މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށާއި، ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ޤައުމީ ފެންވަރުގެ މަޝްރޫޢަށް އެއްބާރުލުން ދިނުމެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ މަތީ ފަންތީގެ ވެރިންނާއި، މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ޢާންމުން ބައިވެރިވިއެވެ. މި ޙަރަކާތުގެ ދަށުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ރުއް އިންދާފައިވެއެވެ. ރުއް އިންދުމުގެ މި މަސައްކަތަކީ ދިވެހިރާއްޖޭގެ ޤައުމީވަންތަކަން ރަމްޒުކޮށްދޭ އަދި އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ބޮޑު ފައިދާއެއް ކުރާނެ ކަމެއްކަން މި ޙަރަކާތުގެ ބައިވެރިން ފާހަގަކުރިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ފަށާފައިވާ މި މަޝްރޫޢަކީ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ. މިއަދު ބޭއްވުނު މި ޙަރަކާތަކީ 5 މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑިއަށް ވާޞިލްވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށްދިޔަ މުހިންމު ބޮޅެކެވެ.
