ތިމާވެށީގެ ދުވަހާ ގުޅިގެން 5 މިލިއަން ގަސް އިންދުމުގެ ހަރަކާތެއް ގއ. މާމެންދޫގައި ބާއްވައިފި
ގއ. މާމެންދޫގައި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވާފައިވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން ގއ. މާމެންދޫގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނު އެ ރަށުގައި ބޭއްވުނު މި ހަރަކާތަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށާއި، ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތުގެ ބައެކެވެ. މާމެންދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ގަސް ވަނީ އިންދާފައެވެ.
މި މަޝްރޫޢަކީ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމަށާއި، ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ރައީސް މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.

މިއަދުގެ ހަރަކާތުގައި ވާހަކަދައްކަވަމުން ރަށު ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާވުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ މުޅި ރާއްޖެ ފެހިކުރުމަށް ފަށާފައިވާ ގައުމީ މަސައްކަތަށް މާމެންދޫއިން ލިބިގެންދިޔަ ބޮޑު އެއްބާރުލުމެއްގެ ގޮތުގައި އެ ފަރާތުން ސިފަކުރެއްވިއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.
