logo
banner image

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ތ. ގުރައިދޫގައި ގަސް އިންދުމާއި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ކޮޅުމަޑުލު ގުރައިދޫގައި ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ތ. ގުރައިދޫގައި މިއަދު ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

މި ހަރަކާތުގެ ދަށުން މިއަދު ގުރައިދޫގައި ވަނީ ގަސް އިންދުމުގެ މަސައްކަތުގެ އިތުރުން، އެ ރަށުގެ ގޮނޑުދޮށާއި ކަނޑޫފާ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދިވެހިރާއްޖޭގެ ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ އިސްނެންގެވުމަށް އެއްބާރުލުން ދިނުމުގެ މަގުސަދުގައެވެ.

މިއަދު ހެނދުނު ފެށިގެން ކުރިއަށްދިޔަ މި ހަރަކާތުގައި ރަށުގެ މުއައްސަސާތަކާއި، ކްލަބް ޖަމިއްޔާތަކުގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ. ޚާއްޞަކޮށް ކަނޑޫފާ ސަރަހައްދަކީ ތިމާވެށީގެ ގޮތުން މުހިންމު ސަރަހައްދަކަށް ވުމުން، އެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަށް މި ހަރަކާތުގެ ތެރެއިން ބޮޑު އިސްކަމެއް ވަނީ ދީފައެވެ.

5 މިލިއަން ގަސް އިންދުމުގެ މި މަޝްރޫޢަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ދަނީ ބާރުދުވެލީގައި ކުރިއަށްދަމުންނެވެ.