ތ.ދިޔަމިގިލީ ސްކޫލު އިމާރާތްކުރުމަށް ސިފައިން ކުރަމުންދާ މަސައްކަތްތައް، ދިފާޢީ ވަޒީރު ބައްލަވާލައްވައިފި
ތ.ދިޔަމިގިލީގައި އިމާރާތްކުރާ ސްކޫލުގައި ސިފައިން ކުރަމުންދާ މަސައްކަތްތައް، ދިފާޢީ އަދި ވަޠަނީ ޚިދުމަތްތަކާ ބެހޭ ވަޒީރު، އޮޮނަރަބަލް ޙަސަން ރަޝީދު ބައްލަވާލައްވައިފިއެވެ.
ދިފާޢީ އަދި ވަޠަނީ ޚިދުމަތްތަކާ ބެހޭ ވަޒީރު، ތ.ދިޔަމިގިއްޔަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި، އެ ސްކޫލު އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސިފައިންނާ ބައްދަލުކުރައްވައި، އެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ.
އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ފަންނީ ސިފައިންގެ ބެލުމުގެ ދަށުން ކުރަމުންދާ މި މަސައްކަތުގައި މިހާރު ވަނީ އިމާރާތުގެ ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް ނިންމާފައެވެ. ދެ ފަންގިފިލާގެ 10 ކުލާސް ރޫމް ހިމެނޭ މި އިމާރާތުގައި މިހާރު ކުރަމުންދަނީ އިމާރާތުގެ ފުރާޅުގެ އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތާއި، ފުރަތަމަ ފަންގިފިލާގެ ފާހާނާތައް ނިންމައި އެ ފަންގިފިލާގެ ފާރުތަކުގައި ސިމެންތި ޖެހުމުގެ މަސައްކަތާއި، ތިރީ ފަންގިފިލާގެ ފާރުތަކާއި އެ ފަންގިފިލާގެ ފާހާނާތައް ރޭނުމުގެ މަސައްކަތެވެ. މީގެ އިތުރުން ސިފައިންނާ މި މަސައްކަތް ހަވާލުވި އިރު އިމާރާތުގެ ބައެއް ތަނބުތަކާއި ކޮލަމްތަކަށް ލިބިފައި ހުރި ގެއްލުންތައް ދެނެގަނެ، އެ ތަންތަން މަރާމާތުކޮށް އިތުރަށް ވަރުގަދަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނާ ގުޅިގެން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ފަންނީ ސިފައިން ކުރަމުންދާ މި މަސައްކަތަކީ 90 ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލުކޮށްފައިވާ މަސައްކަތެކެވެ. ކަނޑައަޅާފައިވާ ވަގުތަށް މަސައްކަތް ނިންމުމަށް ޓަކައި އެހީތެރިކަންފޯރުކޮށްދިނުމުގައި ތ.ދިޔަމިގިލީ ކައުންސިލާއި، ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ދަނީ ލިބެމުންނެވެ.
ތ.ދިޔަމިގިއްޔަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތްތަކާ ބެހޭ ވަޒީރު ކުރެއްވި މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފް ސެންްޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމްގެ އިތުރުން އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ސިފައިންނާ ހަވާލުކޮށްގެން މަސައްކަތް ފަށާފައިވަނީ މާރިޗު މަހުގެ 31ވަނަ ދުވަހުއެވެ. ސިފައިން މި މަސައްކަތާ ހަވާލުވި އިރު އިމާރާތުގައި ނިމިފައި ހުރީ 30 އިންސައްތަ މަސައްކަތެވެ.
