30x30 ލަނޑުދަނޑި ހާސިލުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް މިނިސްޓަރ ޢަލީ ޝަރީފް ބަޔާންކޮށްދެއްވައިފި
ކޮލަމްބިއާގައި މިހާރު ކުރިއަށްދާ އދ. ގެ ބަޔޯޑައިވަރސިޓީ ކޮންފަރެންސް (COP16) ގެ ހަވާސާގައި ބޭއްވުނު "ޓޫލްސް އެންޑް ސޮލިއުޝަންސް ފޯ އެލްޑީސީ އެންޑް ސިޑްސް ގަވަރމަންޓްސް ޓު ސަޕޯޓް ދެއަރ 30x30 ޖާރނީ" ސައިޑް އިވެންޓުގައި ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ.

"ހައި-އެމްބިޝަން ކޯލިޝަން ފޯ ނޭޗަރ އެންޑް ޕީޕަލް" އިން އިންތިޒާމުކުރި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަލީ ޝަރީފް ވަނީ، ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ 30x30 ލަނޑުދަނޑި (2030 ވަނަ އަހަރު އަންނަންވާއިރު ދުނިޔޭގެ ކަނޑާއި އެއްގަމުގެ 30 އިންސައްތަ ހިމާޔަތްކުރުން) ހާސިލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
މިގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އެކުލަވާލާފައިވާ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކާއި، އެ ސަރަހައްދުތައް ބަލަހައްޓައި މެނޭޖްކުރުމުގައި ގެންގުޅޭ އުސޫލުތަކަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް މި ލަނޑުދަނޑި ހާސިލުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތަކާއި ހައްލުތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކޮށް، 30x30 ލަނޑުދަނޑި ހާސިލުކުރުމަށް ބޭނުންވާ އެއްބާރުލުން ފޯރުކޮށްދިނުމަށް އިލްތިމާސްކުރައްވަމުންނެވެ. މި ބައްދަލުވުމަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ތިމާވެށި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
