logo
banner image

މޫސުމީ ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ޝަރީފް ބައިވެރިވެވަޑައިގެންފި

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އަށްވަނަ އެސެމްބްލީގެ ހަވާސާގައި، ޔޫ.އެން އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) އިން އިންތިޒާމުކުރި ހާއްސަ ސައިޑް އިވެންޓެއްގައި މިނިސްޓަރު އަލީ ޝަރީފް ބައިވެރިވެވަޑައިގެންފިއެވެ.

'އަންލޮކިންގ ފައިނޭންސް އެންޑް ޓެކްނޮލޮޖީ ތުރޫ ކްލައިމެޓް ޓްރާންސްޕޭރަންސީ' (މޫސުމީ ދެފުށްފެންނަ ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީ ހޯދުން) މި މައުޟޫއަށް ބޭއްވި މި ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތައް ހޯދުމުގައި ޓްރާންސްޕޭރަންޓް ނިޒާމެއްގެ މުހިންމުކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަލީ ޝަރީފް ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި (މިޓިގޭޝަން) އަދި އެކަންކަމަށް ހޭނުމަށް (އެޑަޕްޓޭޝަން) ކުރެވޭ މަސައްކަތްތައް ދެނެގަތުމަށްޓަކައި، މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މޫސުމީ ކަންކަމުގައި ޓްރާންސްޕޭރަންޓްކޮއް ފެންނަ ސިޔާސަތުތަކަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ހާމަކޮށްދެއްވަމުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖެއަކީ 'ބައިއެނިއަލް ޓްރާންސްޕޭރަންސީ ރިޕޯޓް' (ބީ.ޓީ.އާރު) އެންމެ ފުރަތަމަ ހުށަހެޅި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަން ފާހަގަކުރައްވައި، ތިމާވެށީގެ ރައްކާތެރިކަމަށް ރާއްޖެއިން ކުރަމުންދާ އިހުލާސްތެރި މަސައްކަތްތައް މިނިސްޓަރު ބަޔާންކޮށްދެއްވިއެވެ.

މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާ ގުޅިގެން ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމުގައި ދެފުށްފެންނަ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ބާރުއެޅުމުގެ މަގުސަދުގައި ބޭއްވުނު ބައްދަލުވުމެކެވެ.