"ޔަންގު މެތަމެޓިކަލް ސްޓޯރީ އޯތަރ ކޮންޕެޓިޝަން" އިން ހޯދި ފަޚުރުވެރި ކާމިޔާބީތަކާއެކު ދިވެހި ދަރިވަރުން ތާރީޚުގެ ތެރެއަށް!
ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ "ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް 2026" (ވައި.އެމް.އެސް.އޭ) މުބާރާތުން ރަން ވަނަތަކެއް ދިވެހި ދަރިވަރުން ޙާޞިލުކޮށްފިއެވެ.
'MathsThroughStories.org' އިން އިންތިޒާމުކުރި މި މުބާރާތުގެ ތިން އުމުރުފުރާ ކަމަށްވާ 4-7 އަހަރު، 8-11 އަހަރު، އަދި 12-16 އަހަރުގެ ބައިންވެސް އެއްވަނަ ހޯދާފައިވަނީ ދިވެހިރާއްޖޭގެ ދަރިވަރުންނެވެ. މިއީ މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ފަޚުރުވެރި ވަނަތައް އެއް ޤައުމަކުން ހާސިލުކުރި ފުރަތަމަފަހަރެވެ.
ދަ ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް (ވައި.އެމް.އެސް.އޭ) މުބާރާތަކީ، ހިސާބު ޢިލްމު އުނގެނޭ އެކި އުމުރުފުރައިގެ ދަރިވަރުންނަށް (ޢުމުރުން 4 އަހަރާއި 16 އަހަރާ ދެމެދު) އަމިއްލަ އުފެއްދުންތެރި ވާހަކަ ފޮތްތަކުގެ ޒަރީޢާއިން، މާނަފުން އަދި ޝައުޤުވެރި މާޙައުލެއްގައި ހިސާބުގެ ތަޞައްވުރުތައް ރީތިކޮށް ދައްކުވައިދިނުމަށް ހިތްވަރުދިނުމުގެ ގޮތުން ދުނިޔޭގައި ބާއްވާ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަޤްވާމީ އަހަރީ މުބާރާތެވެ.
މެތު ތޯޓް ސްޓޯރީޒް އޯގަނައިޒޭޝަނުން 'MathsThroughStories.org' ގެ އިންތިޒާމުކުރާ މި މުބާރާތް، 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދެއެވެ. މިގޮތުން މި މުބާރާތުގައި މިހާތަނަށް ދުނިޔޭގެ 40 އަށްވުރެ ގިނަ ޤައުމުން 7،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު، މިއީ ކްރިއޭޓިވް މެތަމެޓިކަލް ލިޓްރެސީގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ މިންގަނޑެއްގެ ގޮތުގައި ފާހަގަކުރެވޭ މުބާރާތެކެވެ.
ދުނިޔޭގެ 34 ޤައުމަކުން ދަރިވަރުން ބައިވެރިވި މި މުބާރާތުގައި، ރާއްޖެއިން ވެސް 650 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. އެއާއެކު މި މުބާރާތުގައި ބައިވެރިވި ޤައުމުތަކުގެ ނިސްބަތުން، އެންމެ ގިނަ ދަރިވަރުން ބައިވެރިވި އެއް ޤައުމުގެ ޝަރަފު ލިބިފައިވަނީ ދިވެހިރާއްޖެއަށެވެ.
މި މިނިސްޓްރީ އާއި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ) އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގުޅިގެން ވަނީ ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހި ދަރިވަރުންނަށް ފައިތިލަސާބިތު ކުރެވޭނެ ފަދަ ފަހި މާޙައުލެއް ޤާއިމުކޮށްދީފައެވެ. ވަކިން ޚާއްޞަކޮށް، އެމް.އެން.ޔޫ އާއި އެން.އައި.އީ ގުޅިގެން މުދައްރިސުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމްތަކަކީ މި ކާމިޔާބީގެ މުހިންމު ބިންގަލެކެވެ. މި ޕްރޮގްރާމްތަކުގެ ތެރެއިން، ވާހަކަ ކިޔައިދިނުމުގެ
ތެރެއިން ހިސާބު ޢިލްމު އުނގަންނައިދެވޭނެ އުފެއްދުންތެރި ގޮތްތަކަށް މުދައްރިސުން ވަނީ އަހުލުވެރިކުރުވާފައެވެ.
މީގެ އިތުރުން، މެތު ތޯޓް ސްޓޯރީޒް އޯގަނައިޒޭޝަނުން ގެ ބާނީ ޑރ. ނަތަޕޮޖް ވިންސެންޓް ޓްރަކުލްފަޑެޓްކްރައި ވަނީ ދިވެހިރާއްޖޭގެ މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ފަންނީ ތަމްރީނުތައް ފޯރުކޮށްދެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މި ތާރީޚީ ފުރިހަމަ ކާމިޔާބީން ހާމަކޮށްދެނީ، މުއައްސަސާތަކުގެ ވަރުގަދަ އެއްބާރުލުމާއި އެހީތެރިކަން ލިބިއްޖެނަމަ، އަޅުގަނޑުމެންގެ ދަރިވަރުންގެ އާދަޔާޚިލާފު ހުނަރާއި ޤާބިލުކަން އިތުރުވެގެންދާނެކަމެވެ. މިނިސްޓްރީ އަދި މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި ގުޅުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ތަޢުލީމީ ފެންވަރަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ ވާދަކޮށް، އެއަށްވުރެ ކުރިއަރައިދެވޭނެ ފެންވަރެއްކަން އަޅުގަނޑުމެން މިއަދު މިވަނީ ސާބިތުކޮށްދީފައެވެ.
އަޅުގަނޑުމެންގެ ތަޢުލީމީ ތާރީޚުގައި ލިބުނު މި ފަޚުރުވެރި ކާމިޔާބީ މުޅި ޤައުމުން ފާހަގަކުރާއިރު، މިއީ ދިވެހިރާއްޖޭގެ ހިސާބު ޢިލްމުކިޔަވައިދިނުމުގެ އުފެއްދުންތެރިކަމާއި ފުރިހަމަކަމުގެ އައު ދައުރެއް ފެށިގެންދިޔުމުގެ ނިޝާނެކެވެ.
