ސަރުކާރުން މާލީ ހާލަތު ބަދަލުކޮށްފި، ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ފިޗް އިން މަތިކުރުމާ ގުޅިގެން، ރާއްޖޭގެ މާލީ ހާލަތު ސަރުކާރުން ރަނގަޅުކޮށްފިކަން ހާމަވެއްޖެއެވެ.
ދުނިޔޭގެ މާލީ ރޭޓިންގ އިދާރާއެއް ކަމަށްވާ ފިޗް ރޭޓިންގްސް އިން ވަނީ ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ 'ސީސީ' އިން 'ސީސީސީ-' އަށް މަތިކޮށްފައެވެ. މިއީ އޭޕްރީލް 2026 ގައި ދައްކަންޖެހޭ ސުކޫކުގެ ފައިސާ ސަރުކާރުން ކާމިޔާބުކަމާއެކު ދެއްކުމާ ގުޅިގެން، ބޭރުގެ މާލީ މުއާމަލާތްތަކުގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެފައިވާކަން ދޭހަކޮށްދޭ ބަދަލެކެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކުރި ގޮތުގައި، މި ރޭޓިންގ މަތިވުމުން އެނގެނީ ބޭރުގެ މާލީ އިލްތިޒާމުތައް އަދާކުރުމަށާއި، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށާއި، އަދި ކައިރި މުސްތަގުބަލެއްގައި ދައްކަންޖެހޭ ދަރަނީގެ ޕްރެޝަރު ކުޑަކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ކުރިމަތިވެފައި އޮތް ދަތި މާލީ ހާލަތުން އަރައިގަނެވިފައިވާ ކަމެވެ.
ފިޗުން ފާހަގަކުރި ގޮތުގައި، ސުކޫކުގެ ފައިސާ ދެއްކުމާ ގުޅިގެން ދަރަނި ނުދެއްކިދާނެ ކަމަށް އޮތް ބިރު ވަނީ ކުޑަވެފައެވެ. މީގެ އިތުރުން، ބޭރުގެ ދަރަނި އަދާކުރަންޖެހޭ މިންވަރު މަދުވުމާއި، ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން މެދުނުކެނޑި ލިބެމުންދިއުމަކީ، ކައިރި މުސްތަގުބަލެއްގައި ދިމާވެދާނެ މާލީ ދަތިތަކުން ސަލާމަތްވުމަށް މަގުފަހިވާނެ ކަންކަން ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގަށް އައި ބަދަލުތަކާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވި ދަތިތަކާއެކުވެސް، ސުކޫކުގެ ފައިސާ ދެއްކުމުގައި ސަރުކާރުން ކާމިޔާބީ ހޯދާފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ސަރުކާރުގެ މި ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދީ ހަމަޖެހުން ގާއިމުކުރެވި، މެދުނުކެނޑި އިގްތިސާދީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް މަގުފަހިވުމުގެ އިތުރުން، ދަރަނި ދޫކުރާ ފަރާތްތަކާއި ތަރައްގީގެ ބައިވެރިންގެ އިތުބާރު ވެސް ވަނީ ދެމެހެއްޓިފައެވެ.
ފިޗުން އިތުރަށް ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެ، އާ ރިސޯޓުތަކާއި އުމްރާނީ ވަސީލަތްތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކާއެކު، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ދެމިއޮންނާނެ ކަމަށް ބެލެވެއެވެ.
ދައުލަތުގެ މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމާއި، ރިޒާވް ވަރުގަދަކުރުމާއި، އަދި ޒިންމާދާރުކަމާއެކު ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މީގެ ބޭނުމަކީ ރާއްޖޭގެ މާލީ ހަމަޖެހުމާއި ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުން ކަށަވަރުކުރުމެވެ.
