logo
banner image

ރާއްޖޭން ބޭރުން އެކަށީގެންވާ އަދަދަށް ފައިސާ ހޯދިއްޖެނަމަ ރޭޓިން އިތުރަށް މަތިވާނެ ކަމަށް ފިޗުގެ ރިޕޯޓުން ފާހަގަކޮށްފި

ބޭރުގެ މާލީ އެހީތެރިކަން އިތުރަށް ހަރުދަނާވެއްޖެނަމަ، ރާއްޖޭގެ ކްރެޑިޓް ރޭޓިންގް އިތުރަށް މަތިވެދާނެ ކަމަށް ފިޗް ރޭޓިންގްސް އިން ބުނެފިއެވެ. ފިޗުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ބޭރުން ލިބޭ މާލީ އެހީތެރިކަމުގެ ގާބިލުކަން އިތުރުކޮށް، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކޮށްފިނަމަ، ރާއްޖޭގެ ކްރެޑިޓް ރޭޓިންގް އިތުރަށް މަތިވުމުގެ ފުރުސަތު އެބައޮތެވެ.

އެ އިދާރާއިން އެންމެ ފަހުން ނެރުނު ރިޕޯޓުގައި، ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގް' ވަނީ 'ސީސީ' އިން 'ސީސީސީ-' އަށް މަތިކޮށްފައެވެ. މިގޮތަށް ނިންމީ އޭޕްރީލް ގައި ދައްކަންޖެހޭ ސުކޫކް ދެއްކުމާ ގުޅިގެން ދަރަނި އަނބުރާ ދެއްކުމާ މެދު ހުރި ނުރައްކާތައް ކުޑަވުމާ ގުޅިގެންނެވެ.

ފިޗުން ފާހަގަކުރި ގޮތުގައި، ރޭޓިންގް އިތުރަށް ރަނގަޅުވުމަށް މަގުފަހިވާނެ ކަންތައްތަކުގެ ތެރޭގައި، ބޭރުގެ މާލީ ވަސީލަތްތައް ހޯދުމުގެ ގާބިލުކަން އިތުރުވުމާއި، ސިޔާސަތުތަކަށް ގެނެވޭ ބަދަލުތަކުން ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި ބޭރުގެ މާލީ އެހީތެރިކަން ލިބި ބޭރު ފައިސާގެ ރިޒާވް ދާއިމީ ގޮތެއްގައި ވަރުގަދަވުން ހިމެނެއެވެ. މީގެ އިތުރުން، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެކަށައަޅާފައިވާ އިތުބާރު ހުރި ސިޔާސަތުތައް ހަރުދަނާކަމާއެކު ތަންފީޒުކޮށް، މެދު ރާސްތާގައި ދައުލަތުގެ ދަރަނި ކުޑަކުރުމުން، ރޭޓިންގް އިތުރަށް މަތިވުމަށް ބާރަކަށް ވާނެ ކަމަށްވެސް ފިޗުން ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ބުނީ، ދައުލަތަށް ލިބޭ އާމްދަނީއަށް ގެނެވޭ އިސްލާހުތަކާއި، ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ގައުމުތަކާ ގުޅިގެން ސަރުކާރުން މިހާރުވެސް މި ލަނޑުދަނޑިތަކަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރުން ހާމަކުރި ގޮތުގައި، އޭޕްރީލް މަހުގެ ސުކޫކް ދެއްކުމާއި ކުރިއަށް އޮތް ކުރު މުއްދަތުގައި ދަރަނި އަދާކުރަންޖެހޭ މިންވަރު ކުޑަވުމަކީ، ރާއްޖޭގެ މާލީ ހާލަތަށް އޮތް އިތުބާރު ބޮޑުވެ، ރިޒާވް ރަނގަޅުކުރުމަށް ލިބުނު ވަރަށް ވަރުގަދަ ފުރުސަތެކެވެ.

ފައިނޭންސް މިނިސްޓްރީން ބުނީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި، ޒިންމާދާރުކަމާއެކު ދަރަނި މެނޭޖްކުރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ބޭރުގެ މާލީ އެހީތެރިކަން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި، ފިޗްގެ ރިޕޯޓުން ހާމަވަނީ އިސްލާހީ ފިޔަވަޅުތައް އެޅުމުގައި ދެމިއޮތުމާއި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގް އިތުރަށް މަތިކުރުމަށްޓަކައި އެންމެ މުހިންމު ކަންތައްތައް ކަމެވެ.