ސުކޫކާއި ސްވޮޕް ދެއްކުމަށްފަހުވެސް އެމްއެމްއޭގެ ޔޫސެބަލް ރިޒާވްގެ ގޮތުގައި 244 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް ފިޗުން ބަޔާންކޮށްފި
ސުކޫކާއި ސްވޮޕް ދެއްކުމަށްފަހުވެސް އެމްއެމްއޭގެ ޔޫސެބަލް ރިޒާވްގެ ގޮތުގައި 244 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް ފިޗުން ބަޔާންކޮށްފި
ސުކޫކް އަދި ކަރަންސީ ސްވޮޕްގެ ފައިސާ ދެއްކުމަށްފަހު، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވްގައި 244 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް ފިޗް ރޭޓިންގްސްއިން ހާމަކޮށްފިއެވެ.
ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގް އެޖެންސީ، ފިޗް ރޭޓިންގްސްއިން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހި ސަރުކާރުން ސުކޫކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ އިތުރަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ސްވޮޕް ފައިސާ ދައްކައި ނިމުނުއިރު، އޭޕްރީލް ގެ ނިޔަލަށް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވްގައި 244 މިލިއަން ޑޮލަރު ހުއްޓެވެ.
ފިޗްގެ ރިޕޯޓުގައިވާ ގޮތުން، 500 މިލިއަން ޑޮލަރުގެ ސުކޫކްގެ ފައިސާއާއި، އޭގެ ފަހު ކޫޕަން ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު އޭޕްރީލް މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ ދައްކާފައެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން (އެސް.ޑީ.އެފް) 350 މިލިއަން ޑޮލަރާއި، ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވުން 175 މިލިއަން ޑޮލަރު ބޭނުންކޮށްގެންނެވެ.
މީގެ އިތުރުން، އެމް.އެމް.އޭ އިން 400 މިލިއަން ޑޮލަރުގެ ސްވޮޕް ފައިސާ އޭޕްރީލް މަހު ދައްކާފައިވާ ކަމަށާއި، އޭގެ ފަހުން ރޫޕީ ފެސިލިޓީގެ ދަށުން 30 ބިލިއަން އިންޑިއަން ރޫޕީ ނަގާފައިވާކަން ފިޗްއިން ފާހަގަކޮށްފައިވެއެވެ.
ފިޗްގެ ރިޕޯޓުގައިވާ ގޮތުން، އޭޕްރީލް މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި 718 މިލިއަން ޑޮލަރު ހުއްޓެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި ހުރި 244 މިލިއަން ޑޮލަރުގެ ތެރެއިން 97 މިލިއަން ޑޮލަރަކީ ރާއްޖޭގެ ބޭންކުތަކުގައި ޑޮލަރުގެ ތާށިކަން ކުޑަކުރުމަށްޓަކައި ބަހައްޓާފައިވާ ފައިސާއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްއިން ހާމަކުރި ގޮތުގައި، ބޭރުގެ ބޮޑެތި މާލީ އިލްތިޒާމުތައް ފުރިހަމަކުރުމަށްފަހުވެސް ބޭނުންކުރެވޭ ރިޒާވް މި މިންވަރެއްގައި ހިފެހެއްޓިފައި ހުރުމަކީ، ސަރުކާރުގެ ދަރަނި ބެލެހެއްޓުމާއި މާލީ ދަތިތަކުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ހަރުދަނާކަން ހާމަކޮށްދޭ ކަމެކެވެ. ސަރުކާރުން ބުނި ގޮތުގައި، މި ހިސާބުތަކުން ދޭހަވަނީ އޭޕްރީލް މަހު ބޮޑެތި ލޯނުތަކެއް ދައްކާފައިވީ ނަމަވެސް، ރާއްޖޭގެ މާލީ ގާބިލުކަން ދަމަހައްޓަމުންދާ ކަމެވެ. އަދި ސިޔާސަތުތަކަށް ގެންނަ އިސްލާހުތަކާއި ބޭރުގެ އެހީތެރިކަމާއެކު ރިޒާވް އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސަރުކާރުން ބަޔާންކުރެއެވެ.
މީގެ އިތުރުން، މެދުތެރޭ ރާސްތާގައި ރިޒާވްގެ ފުދުންތެރިކަން އިތުރުކޮށް، ބޭރުގެ މާލީ ނުރައްކާތަކަށް އޮތް ހުށަހެޅުން ކުޑަކުރުމަށް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ފައިނޭންސް މިނިސްޓްރީން ވަނީ ދީފައެވެ.
