logo
banner image

މިއަހަރު ރާއްޖޭން ދައްކަންޖެހޭ ދަރަނީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައެއް ސަރުކާރުން ދައްކާ ނިންމައިފި – ފިޗް ރޭޓިންގސް

މިއަހަރު ދައްކަންޖެހޭ ދަރަނީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ސަރުކާރުން އަދާކޮށްފި ކަމަށް ދުނިޔޭގެ މަޝްހޫރު ރޭޓިންގ އެޖެންސީ ފިޗް އިން ބުނެފިއެވެ. ފިޗުން މިގޮތަށް ހާމަކުރީ ރާއްޖެއަށް ދީފައިފާ ކްރެޑިޓް ރޭޓިންގ މަތިކޮށް މިއަދު ނެރުނު ބަޔާނުގައެވެ.

ފިޗް ރޭޓިންގްސް އިން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރު ދައްކަންޖެހޭ ދައުލަތުގެ ދަރަނި އަދި ދައުލަތުން ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފައިސާ ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު ދައްކާފައެވެ.

ފިޗްގެ އެންމެ ފަހުގެ ރޭޓިންގް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދައުލަތުން ދައްކަންޖެހޭ ބޭރުގެ ދަރަނި 1.1 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ މިދިޔަ އޭޕްރިލް މަހު އަނބުރާ ދެއްކި ސުކޫކެވެ. އަދި މިއަހަރުގެ ބާކީ އޮތް ހަ މަސްދުވަހުގެ ތެރޭގައި ދައްކަންޖެހޭ ބޭރުގެ ދަރަނީގެ މިންވަރަކީ 535 މިލިއަން އެމެރިކާ ޑޮލަރެވެ.

އޭޕްރިލް މަހު ސުކޫކަށް ފައިސާ ދެއްކުމާއެކު، ކުރިއަށް އޮތް ކުރު މުއްދަތުގައި ދަރަނި އަދާކުރުމަށް އޮތް ތާށިކަން ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް މަތިކުރުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް މި ދަރަނި އަދާކުރުން ކަމަށް ފިޗް އިން ފާހަގަކުރެއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން ބުނި ގޮތުގައި، މިއީ ސަރުކާރުގެ ހަރުދަނާ ދަރަނި މެނޭޖްކުރުމުގެ ސިޔާސަތުގެ ނަތީޖާއެވެ. އަދި މިއީ އާންމު ހިދުމަތްތަކަށާއި އިގުތިސާދީ ހަރަކާތްތަކަށް ހުރަސްނޭޅޭ ގޮތަށް ބޭރުގެ ދަރަނިތައް އަދާކުރުމަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ދަރަނިތައް ކާމިޔާބުކަމާއެކު އަދާކުރެވުނީ އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން ބޭރުގެ މާލީ އިދާރާތަކާއި ގައުމުތަކާއެކު ބޭއްވި ގާތް ގުޅުމުގެ ސަބަބުންނެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދަރަނި އަދާކުރުމުގައި ލިބުނު މި ލުޔާއެކު، ފިސްކަލް ކޮންސޮލިޑޭޝަން ނުވަތަ ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިގްތިސާދު ހަރުދަނާކުރުމަށާއި، ބޭރުފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ސަރުކާރަށް

އިތުރު ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ބެހެއްޓުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެންނަމުން، ޒިންމާދާރުކަމާއެކު ދަރަނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.