logo
banner image

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި އޭވިއޭޝަން މޫސުމީ ޚިދުމަތް ދިނުމަށް މެޓް އޮފީހާއި އައިލެންޑް އޭވިއޭޝަން ގުޅިގެން މަސައްކަތް ފަށައިފި

ނ.މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި އޭވިއޭޝަން މޫސުމީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އާއި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ގުޅިގެން މަސައްކަތް ފަށައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން، މާފަރު އެއާޕޯޓުގައި އަލަށް ގާއިމުކުރާ މެޓް އޮފީހަށް ބޭނުންވާ މޫސުމީ އާލާތްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ މަދަނީ ވައިގެ ދަތުރުފަތުރުގެ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ މޫސުމީ މައުލޫމާތާއި ރިޕޯޓުތައް އިތުބާރާއެކު ފޯރުކޮށްދިނުމެވެ.

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މިއަދު ފެށުނު މި މަސައްކަތަކީ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ މޫސުމީ އޮބްޒަވޭޝަންތައް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، މިހާރު ގާއިމުކުރެވޭ ނިޒާމު ކުރިއަށް އޮތް ތަނުގައި "ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ" (SOFF) މަޝްރޫއުގެ ދަށުން އިތުރަށް ތަރައްގީކޮށް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަރައްގީއާއެކު، މާފަރު އެއާޕޯޓުގެ މޫސުމީ ނިޒާމު ދުނިޔޭގެ މޫސުމާ ބެހޭ ޖަމްއިއްޔާ (WMO) ގެ 'ގްލޯބަލް ބޭސިކް އޮބްޒަވޭޝަން' މިންގަނޑުތަކަށް ފެތި، ބައިނަލްއަގުވާމީ ފެންވަރުގެ ޚިދުމަތެއް ދެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

މި މަޝްރޫއަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކޮށް، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.