logo
banner image
ޚާރިޖީ ވުޒާރާ

ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔޫނިސެފް) ގެ އެގްޒެކެޓިވް ބޯޑުން ދިވެހިރާއްޖެއަށް ކުރި ރަސްމީ ދަތުރު މިއަދު ނިންމާލައިފި

ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) ގެ އެގްޒެކެޓިވް ބޯޑުން ދިވެހިރާއްޖެއަށް ކުރި ރަސްމީ ދަތުރު މިއަދު ނިންމާލައިފިއެވެ.

މެއި މަހުގެ 30 އިން ޖޫން މަހުގެ 2 އަށް ކުރިއަށްދިޔަ މި ދަތުރުގައި ރާއްޖޭގައި ޔުނިސެފް އިން ކުރިއަށްގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެއްކުރުމުގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކަށް އަލިއަޅުވާލައި މަޝްވަރާތައް ކުރެވުނެވެ. މީގެ ތެރޭގައި ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ހިމެނެއެވެ.

ވަފުދުގެ ބޭފުޅުން ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ބައްދަލުކުރައްވާފައެވެ. އޭގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް އަދި ޝަރުޢީ ދާއިރާގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރެއްވިއެވެ.

މި ވަފްދުން ވަނީ ކ. ގާފަރަށް ޒިޔާރަތްކޮށް، ގާފަރު ސްކޫލާއި އެ ރަށުގެ ކައުންސިލާ ބައްދަލުކޮށްފައެވެ. އަދި ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލަށް ޒިޔާރަތްކޮށް، އެސްކޫލްގައި ކުރިއަށްގެންދާ 'ޓެކްޕާތް' ޑިޖިޓަލް ލާރނިންގް ޕްރޮގްރާމް ކުރިއަށްދާ ގޮތްވެސް ބައްލަވާލެއްވިއެވެ. މީގެ އިތުރުން، އެ ބޭފުޅުން ވަނީ ޒުވާނުންނާއި، މަދަނީ ޖަމްއިއްޔާތަކާއި، އަދި ދިވެހިރާއްޖޭގައި ތިއްބަވާ ޑިޕްލޮމެޓިކް ކޮމިއުނިޓީގެ މަންދޫބުންނާ ބައްދަލުކުރައްވާފައެވެ.

ޔުނިސެފް އެގްޒެކެޓިވް ބޯޑަކީ ޔުނިސެފްގެ ހިންގާ މަޖިލީހެވެ. މި ބޯޑުގެ މަސްއޫލިއްޔަތަކީ އދ. ގެ އާންމު މަޖިލީހާއި، އިގްތިސާދީ އަދި އިޖުތިމާއީ ކައުންސިލް (އިކޮސޮކް) އިން ކަނޑައަޅާފައިވާ މައިގަނޑު ސިޔާސަތުތަކާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޔުނިސެފުން ސަރުކާރުތަކަށް ދޭ އެހީތެރިކަމާއި ޕްރޮގްރާމްތަކާއި ބެހޭގޮތުން ލަފާދީ އެހީތެރިވެދިނުމެވެ. ޔުނިސެފް އެގްޒެކެޓިވް ބޯޑު އެކުލެވިގެންވަނީ އދ. ގެ މެންބަރު ގައުމުތަކުގެ ސަރަހައްދީ ފަސް ގްރޫޕް ތަމްސީލުކުރާ 36 މެންބަރުންގެ މައްޗަށެވެ.