logo
banner image

މަލްޓިލޭޓަރަލް އެކްސަސައިޒް "ޕްރަގަތީ 2026"ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ

”ޕާޓްނަޝިޕް އޮފް ރީޖަނަލް އަރމީސް ފޯ ގުރޯވްތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން“ (ޕްރަގަތީ 2026) މަލްޓިލޭޓަރަލް އެކްސަސައިޒްގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.

މޭ މަހުގެ 18އިން 31އަށް އިންޑިއާގެ އުމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކުރިއަށްގެންދިޔަ މި އެކްސަސައިޒަކީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންތަކާއި، ސުލްހަ ބެލެހެއްޓުމުގެ މަސައްކަތްތަކުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ އެކްސަސައިޒެކެވެ.

މި އެކްސަސައިޒްގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަން ގްރޫޕް އަދި އެމްއެންޑީއެފް ސްޕެޝަލް ބޯޓު ސްކޮޑްރަންގެ އިތުރުން އެމްއެންޑީއެފް މެރިން ކޯރގެ ސިފައިން ބައިވެރިވިއެވެ. މި އެކްސަސައިޒް ނިންމާލާފައިވަނީ ބައިވެރިވި ގައުމުތަކުގެ މެދުގައި، ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ދައްކުވައިދިން 72 ގަޑިއިރުގެ ވެލިޑޭޝަން އެކްސަސައިޒަކަށް ފަހުއެވެ.

މި އެކްސަސައިޒްގައި 13 ގައުމަކުން 400އަށް ވުރެ ގިނަ ސިފައިން ބައިވެރިވިއެވެ. ދިވެހިރާއްޖެ ހިމެނޭހެން މި އެކްސަސައިޒްގައި އިންޑިއާ، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިޔާ، ލާއޯސް، މެލޭޝިޔާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ އަދި ވިއެޓްނާމްގެ ސިފައިން ބައިވެރިވިއެވެ.