ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަޒަރުބައިޖާން ގެ ޚާރިޖީ ވަޒީރަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
އަޒަރުބައިޖާން ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ހިޒް އެކްސަލަންސީ ޖޭހުން ބޭރަމޮވް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާ އަރިސްކުރައްވައި ސިޓީފުޅެއް ފޮނުއްވައިފިއެވެ.
އެ ކަމަނާގެ ސިޓީފުޅުގައި، އަޒަރުބައިޖާން ގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބާގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ސަރުކާރަށް އަދި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އަދި އެ ކަމަނާގެ އަމިއްލަ ނަންފުޅުގައި، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރައްވާފައިވެއެވެ.
އަދި ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު އޮތްގުޅުން އިތުރަށް ފުޅާވެފައިވާކަން ޚާރިޖީ ވަޒީރު އިރުތިޝާމް ފާހަގަކުރެއްވިއެވެ. އެގޮތުން މަތީ ފެންވަރުގެ ވަފުދުތައް ދެ ޤައުމުން ވެސް ބަދަލުކުރުމާއި ދެ ޤައުމުގެ ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ވިސާ އާއި ނުލައި ދަތުރުކުރެވޭނެހެން ވީސާ އެގްޒެމްޝަން އެއްބަސްވުމުގައި ސޮއިކޮށް އެއަށް ޢަމަލުކުރަން ފެށިފައިވާކަން އެ ކަމަނާ ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު އޮތް ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ފަހިވެގެން ދާނެކަމާއި، އަދި ގުޅުން ހަރުދަނާކުރުމަށް ގާތުން މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ވަޒީރު އިރުތިޝާމް ވިދާޅުވެފައިވެއެވެ.
