logo
banner image

"ކެރިއަރ އެކްސްޕްލޮރޭޝަން" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއީ ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި މަހުގެ 21 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޔޫނުސް ސޮބާޙްއާއި ، ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރުގެ ސްޕެޝަލް އެޑްވައިޒަރު މަޢުރޫފް އަޙްމަދުއެވެ.

މި ރަސްމިއްޔާތުގައި، ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓް ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަޝްވާ އާއި، އެހެނިހެން ފުލުހުންގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސްގެ އިސް ބައެއް ވެރިން ބައިވެރިވެެލެއްވިއެވެ.

މެއި 16 އިން 18 އަށް ކުރިއަށް ގެންދިޔަ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ޑިޕާޓްމަންޓުތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމުގެ ކުލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

އެގޮތުން، މެރިން ޕޮލިހާއި، ހިއުމަން ރިސޯސަސްއާއި، އިންޖިނިއަރިންގ އެންޑް މެކޭނިކަލް ސާވިސަސްއާއި، ފޮރެންސިކް ސާވިސަސްއާއި، ސައިބަރ ކްރައިމް ސެންޓަރާއި، ސްޕެޝަލިސްޓް އޮޕަރޭޝަނާއި, ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީގެ އިތުރުން ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށް އެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ތަޖުރިބާކުރުމުގެ ފުރުސަތު ޕްރޮގްރާމްގެ ތެރެއިން ފަހިކޮށްދީފައިވެއެވެ.

އޭގެ އިތުރުން، ބައިވެރިން އަމިއްލަ ނަފުސަށް އިތުބާރުކުރާ މިންވަރު އިތުރުކުރުމަށް ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފަރާތުން ރެޕަލިންގގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕްރޮގްރާމްގައި 34 ޒުވާނުން ބައިވެރިވިއެވެ.

ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، ތަފާތު ދާއިރާތަކުން ކުރިއަށް ދެވެންހުރި ރޮނގުތަކާ ބެހޭގޮތުން ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދީ އަދި ވަޒީފާގެ މާހައުލާ މެދު ހޭލުންތެރިކުރުމަށް މުއައްސަސާތަކާއި ރިސޯޓު އަދި ތަފާތުއެކި ކުންފުނިތައް ގުޅިގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.