logo
banner image

ބ. ކިހާދޫގައި މިލިޓަރީ ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު-1 ކާމިޔާބުކަމާ އެކު ނިންމާލުމުގެ އުފަލުގައި، ބ. ކިހާދޫގައި އެމްއެންޑީއެފް މިލިޓަރީ ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިއަދު ބާއްވައިފިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް ހިންގާ، އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ހުންނަ ބ. ކިހާދޫގެ ބަނދަރު ސަރަހައްދުގައި މި ހަރަކާތްތައް ކުރިއަށްގެންދިޔައީ، މިއަދު ހަވީރު 16:00އިން 18:00އަށެވެ.

​އެމްއެންޑީއެފް މިލިޓަރީ ބޭންޑުން ވަނީ މި ހަރަކާތުގައި ހިތްގައިމު ރީތި ރާގުތަކަށް މިއުޒިކު ކުޅުމާއި، ދިވެހި ސަގާފީ އައިޓަމްތައް ހުށަހަޅައިދީފައެވެ. މީގެ އިތުރުން، ޚާއްޞަ ދެ މެސްކޮޓަކާ އެކު ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދީ، ހަދިޔާ ވެސް ވަނީ ބަހާފައެވެ.

މިއީ ސިފައިންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން، ސިފައިންގެ ޤައުމީ ޚިދުމަތްތަކުގައި މަދަނީ މުޖުތަމައުގެ އެއްބާރުލުން ދެމެހެއްޓުމަށް ބާރުއެޅުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެކެވެ. ޚާއްޞަކޮށް، ބ.ކިހާދޫގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލުމުގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އެމްއެންޑީއެފުން ޝުކުރުވެރިކަމާ އެކު ފާހަގަކުރަމެވެ.

​ބ. ކިހާދޫ ބަނދަރު ސަރަހައްދަށް އެއްވި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމުންގެ ފަރާތުން މި ހަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.