logo
banner image
ޚާރިޖީ ވުޒާރާ

އިނގިރޭސިވިލާތަށް އިމްޕޯޓް ކުރާ ދިވެހިރާއްޖޭގެ ކަނޑުމަހުން ނަގަމުންދިޔަ ޓެރިފް ކަނޑާލައިފި

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދިޔަ 20 އިންސައްތައިގެ އިމްޕޯޓް ޓެރިފް، 2028 ވަނަ އަހަރުގެ ނިޔަލަށް މެދުކަނޑާލުމަށް އިނގިރޭސިވިލާތު ސަރުކާރުން ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތަށް އެންމެ ގިނައިން މަސް އެކްސްޕޯޓް ކުރާ ޤައުމުތަކުގެ ތެރޭގައި 9 ވަނައިގައި ރާއްޖެ ހިމެނޭއިރު، އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ ޢަދަދަކަށް ދިވެހިރާއްޖޭގައި ބާނާ މަހުގެ ބާވަތްތައް އެ ޤައުމަށް އެކްސްޕޯޓް ކުރެއެވެ. އިނގިރޭސިވިލާތު ސަރުކާރުގެ މި ނިންމުމުގެ ސަބަބުން، އެއްވެސް ޑިއުޓީ އަކާނުލައި ދިވެހި މަހުގެ އުފެއްދުންތައް އެ ޤައުމުގެ ބާޒާރަށް ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބި، ދުނިޔޭގެ އެހެން ޤައުމުތަކާ ވާދަކުރުމުގެ ޤާބިލުކަން ރާއްޖެ އަށް އިތުރު ވެގެންދާނެއެވެ.

އިނގިރޭސިވިލާތުގެ ފާހަގަކޮށްލެވޭ ސުޕަރމާކެޓްތައް ކަމުގައިވާ "ސެއިންސްބަރީސް" އަދި "ވެއިޓްރޯސް" ފަދަ ތަންތަނުގައި، ރާއްޖޭގެ ދޮށީގެ މަސްވެރިކަމުން ބާނާ މަހުގެ ބާވަތްތަކަށް މިހާރުވެސް ބޮޑު މަޤްބޫލުކަމެއް އޮވެއެވެ. އަދި އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ދިވެހި މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށް، އަދި ރާއްޖޭގެ މަސް ބަންދުކުރާ ސިނާޢަތަށް ބޮޑެތި މަންފާތަކެއް ލިބި، މަހުގެ އުފެއްދުންތަކުން ލިބޭ އާމްދަނީ އިތުރުވެ، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީގައި އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ މަސްވެރިކަމުގެ ސިނާޢަތެވެ. އަދި، ރާއްޖެއިން ހަމައެކަނި ރޯމަސް ބޭރުކުރުމުގެ ބަދަލުގައި، ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކޮށް، "ވެލިއު އެޑަޑް" ނުވަތަ އަގު އެއްކުރި އުފެއްދުންތަކުގެ ގޮތުގައި ބޭރުގެ ބާޒާރުތަކަށް ނެރުމަށް އެ މަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވައެވެ. މީގެ ބޭނުމަކީ ދިވެހި މަސްވެރިކަމުގެ ސިނާޢަތުން ލިބޭ ނަފާ އިތުރުކޮށް، ދިވެހި މަސްވެރިންގެ މަސްލަޙަތު ހިމާޔަތްކުރުމެވެ.

ޚާއްޞަކޮށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިރާއްޖެ އަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާއި، ކުރީގެ ސަރުކާރުތަކުގެ ދަރަނިން ދިވެހިރާއްޖެ މިންޖުކުރުމަށް މި ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ދިވެހި މަސްވެރިކަމަށާއި، މަސްވެރިންގެ ދިރިއުޅުމަށް އައިސްފައިވާ ނޭދެވޭ އަސަރުތަށް އިނގިރޭސިވިލާތުގެ ކަމާބެހޭ އިސް ފަރާތްތަކާއި ހިއްސާކުރެވިފައިވެއެވެ. މިގޮތުން 2024 އަހަރުން ފެށިގެން 2026 ވަނަ އަހަރާ ދެމެދު އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ މެދުވެރިކޮށް، އިނގިރޭސިވިލާތުގެ ފޮރިން، ޑިވެލޮޕްމަންޓް އޮފީހާއި، ޑިޕާޓްމަންޓް ފޮރ ބިޒްނަސް އެންޑް ޓްރޭޑްއާއި ، ޤާނޫނު ހަދާ މަޖިލީހުގެ އިސްބޭފުޅުންގެ އިތުރުން ޔޫ.ކޭ، މޯލްޑިވްސް ޕާރލިމަންޓޭރިއަންސް އަދި އިނގިރޭސިވިލާތަށް ދިވެހިރާއްޖޭން މަސްއެތެރެ ކުރާ ކުންފުނިތަކާ ދެމެދު ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާތައް ކުރެވިފައެވެ. މީގެ އިތުރުން، ދެމެހެއްޓެނެވި މަސްވެރިކަމަށް ތާޢީދުކުރާ ކޮމަންވެލްތު ދާއިރާތަކާއި، ވޯރލްޑްވައިޑް ފުޑްސް އަދި ސެއިންސްބަރީ ފަދަ އިނގިރޭސިވިލާތަށް މަސް އެތެރެކުރާ ބޮޑެތި ކުންފުނިތަކާ ބައްދަލުކުރައްވައި، ދިވެހި މަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކަނޑާލުމަށް ބާރުއަޅައި ވަކާލާތުކުރައްވާފައިވެއެވެ. އަދި، ދިވެހިރާއްޖެ އަކީ އިނގިރޭސިވިލާތުން ޑިއުޓީ ނަގާ ހަމައެކަނި އެއޯސިސް އަށް ނިސްބަތްވާ 6 ޤައުމުތަކުގެ ތެރެއިން ހަމައެކަނި ކޮމަންވެލްތު ޤައުމުކަމަށް ރިޢާޔަތްކޮށް، އިނގިރޭސިވިލާތާ ދިވެހިރާއްޖެ އާ ދެމެދު ފްރީ ޓްރޭޓް އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅޭގޮތުންވެސް ބަހުސް ކުރެވިފައިވެއެވެ. އަދި، އެފަދަ އެއްބަސްވުމަކަށް ދިޔުމުގެ ކުރިން މިހާރުން މިހާރަށް ޕްރިފަރެންޝަލް އެރޭންޖްމަންޓެއް ނުވަތަ ވަގުތީ ގޮތުން ޑިއުޓީ މަޢާފުކޮށްދެއްވުމަށްވެސް ފުޅާދާއިރާއެއްގައި މަޝްވަރާތައްކުރެވިފައިވެއެވެ.

މިގޮތުން، ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު ޖުލައިމަހު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި ލަނޑުދަނޑި ހާސިލުކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ . މި ސިޔާސަތު ތަންފީޒުކުރުމަކީ އިނގިރޭސިލާތުގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަންގެ އެންމެ މުހިންމު އަމާޒު ކަމުގައި ކަނޑައަޅައި، އެ ޤައުމުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހާއި، ޑިޕާޓްމަންޓް ފޮރ ބިޒްނަސް އެންޑް ޓްރޭޑްގެ އިތުރުން، ޤާނޫނު ހަދާ މަޖިލީހުގެ އިސްބޭފުޅުންނާއެކު މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދެވިއެވެ. މީގެ އިތުރުން، ވެސްޓް ލަންޑަން ޗެމްބަރ އޮފް ކޮމާސް އާ ގުޅިގެން އިނގިރޭސިވިލާތުގައި ބިޒްނަސް ފޯރަމެއް ބާއްވާފައިވެއެވެ. މި ފޯރަމްގައި ވިޔަފާރި، އެކްސްޕޯޓް-އިމްޕޯޓް، މަސްވެރިކަން، ފަތުރުވެރިކަން އަދި އިންވެސްޓްމަންޓް ފަދަ ދާއިރާތަކުން ތަފާތު ފަންތީގެ އިސް ބޭފުޅުންނާއި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި "ޕްރީމިއަމް" އުފެއްދުންތަކެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، "ފްރޮމް މޯލްޑިވްސް" ބްރޭންޑް މި ފޯރަމްގައި ރަސްމީކޮށް އިފުތިތާހު ކުރެވުނެވެ. މިއީ ރާއްޖޭގެ އުފެއްދުންތައް ދުނިޔެއަށް ތަޢާރަފުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގް ޗާރލްސް ތިން ވަނަ އާ އެކު ބޭއްވުނު ބައްދަލުވުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ އުވާލުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި 2025 ވަނަ އަހަރުގެ މޭ މަހު ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވުނު ދެވަނަ "ސްޓްރެޓީޖިކް ޑައިލޮގް"ގެ ތެރެއިން ވެސް، ރާއްޖޭގެ ކަމާބެހޭ ވުޒާރާތަކުން ވަނީ މިކަމަށް ބާރުއަޅައި ވަކާލާތުކޮށްފައެވެ.

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ޤައުމުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ޕާލަމެންޓަރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ދަ އިންޑޯ-ޕެސިފިކް، ސީމާ މަލްހޯތްރާ ދިވެހިރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގަޔާއި ދިވެހިރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު އަދި ދިވެހިރާއްޖެ އިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރާއެކު ބޭއްވުނު ބައްދަލުވުންތަކުގައިވެސް ދެމެހެއްޓެނެވި މަސްވެރިކަމުގެ ބާވަތްތަކަށް އިމްޕޯޓް ޑިއުޓީ ކުޑަކުރުން ނުވަތަ ކަނޑާލުމާގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވެއެވެ.

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނީ 26 ޖުލައި 1965 ވަނަ ދުވަހު އެވެ.