ޖަޕާނުގެ ސަފީރު ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގަމީ ރުމިކޯ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ޒަމާންވީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނެވެ.
ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ ގިނަގުނަ އެހީތެރިކަމަށްޓަކައި، ޖަޕާން ސަރުކާރަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ސަރަޙައްދީ ކަންކަމުގައި، ގުޅުންތައް ހަރުދަނާކޮށް، އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
