logo
banner image

މަސްވެރިކަން ތަރައްގީ ކުރުމަށް ކުރީ ސަރުކާރުތަކުން ވަނީ ވަރަށް ބޮޑަށް ފެއިލްވެފަ- ވަޒީރު

މަސްވެރިކަމުގެ ސިނާއަތުގެ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް މި ސިނާއަތަށް އިންވެސްޓު ކުރުމަށް ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީވެސް ބޮޑެތި އިންވެސްޓްމަންޓު އަންނަން ޖެހޭ ސިނާއަތެއްކަމަށެވެ. އެހެން ނަމަވެސް މި ސިނާއަތް މިހާ ބޮޑަށް ބޮއްސުންލައިގެން ދިޔައީ މި ސިނާއަތަށް ކުރީ ސަރުކާރުތަކުން އިންވެސްޓު ނުކުރުމުން ކަމަށެވެ. އަދި އެއީ ކުރަންޖެހޭ ކަމެއްކަންވެސް ގަބޫލުނުކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރި ސިނާއަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވޭތުވެދިޔަ ސަރުކާރުތަކުން މި ސިނާއަތް ތަރައްގީ ކުރުމަށް އިންވެސްޓު ނުކޮށް އޮތް އޮތުން. މި ސިނާއަތަށް ކުރަންޖެހޭ ހޭދަ ނުކުރެވި ހުރީމަ ގައުމަށް ވަންނަން ޖެހޭ އާމްދަނީ ނުވަދެ ދިޔައީ، މަސްވެރި ސިނާއަތަށްވެސް ބޮޑެތި އިންވެސްޓްމަންޓް އަންނަން ޖެހޭ. މި ސަރުކާރުން ބޭނުންވަނީ މަސްވެރި ސިނާއަތް ތަރައްގީކޮށް މަސްވެރިންގެ ޖީބުތައް ތަނަވަސްކުރަން.

ގޮންޖެހުންތައް ހައްލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އާމްދަނީ އިތުރުކުރެވޭނީ ފެލިވަރުގޮތަށް އަގު އެއް ކުރެވޭނެ ތަންތަން ހެދިގެން ކަމަށެވެ.

އެކަންކަން ހައްލުކުރުމުގެ މަގްސަދުގައި ރާއްޖޭގެ ދެ ސަރަހައްދެއްގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިމާ ބަނދަރުގެ މަސައްކަތް ކުރަމުންދާކަމަށާ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސް ތެރޭ އެ މަޝްރޫއުތައް ނިންމާ ހިދުމަތް ދޭން ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަގު އެއް ކޮށްގެން މަހަށް ލިބޭ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މަސްވެރިކަމަށް މިކުރެވޭ އިންވެސްޓްތަކަކީ މުސްތަގުބަލަށް ކުރެވޭ މަސައްކަތްތައް ކަމަށެވެ. މަސްވެރިންގެ ދިރިއުޅުން ތަނަވަސްވާނެ ގޮތްތަކަށް މި ސަރުކާރުން މަސައްކަތް ކުރަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މި ފެކްޓްރީތަކާއި އެކު އިތުރު ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ. މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނި މަސްވެރި އާއިލާތަކުގެ ދިރިއުޅުން ތަނަވަސްވާނެ ގޮތްތަކަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.