logo
banner image

ބިލަބޮންގް ސްކޫލުގެ ދަރިވަރުންނަށް "5 މިލިއަން ގަސް" މަޝްރޫޢުގެ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" އާ ގުޅޭގޮތުން ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލުގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ހޭލުންތެރިކުރުވުމުގެ ޚާއްޞަ ޕްރޮގްރާމެއް ބާއްވައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެ ސްކޫލުގެ ހޯލުގައެވެ. މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށި ޙިމާޔަތްކުރުމުގެ މުހިންމުކަމާއި، ގަސް އިންދުމުން ތިމާވެއްޓަށް ކުރާނެ ފައިދާތަކާ ގުޅޭގޮތުން ކުޑަކުދިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

މި ސަރުކާރުން ފަށާފައިވާ މި ބިޔަ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ޕްރޮގްރާމުގައި ދަރިވަރުންނަށް ގަސް އިންދުމުގެ ފައިދާއާއި، ގަސްތައް ބަލަހައްޓާނެ ގޮތްތަކާ ގުޅޭ މަޢުލޫމާތު ވަނީ ދީފައެވެ.

މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަން ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަށް ފެހި ތިމާވެއްޓެއް ކަށަވަރުކޮށްދިނުމަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ އެއް މަޝްރޫޢެވެ. ސްކޫލް ކުދިންގެ މެދުގައި މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މި މަޝްރޫޢުގެ ފަރާތުން ފާހަގަކުރެއެވެ.