logo
banner image

ކިގާލީ އެޗް.އެފް.ސީ އިމްޕްލިމެންޓޭޝަން ޕްލޭންގެ ދަށުން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ޔޫއެން އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) އާ ގުޅިގެން ކުރިއަށްގެންދާ "ކިގާލީ އެޗް.އެފް.ސީ އިމްޕްލިމެންޓޭޝަން ޕްލޭން" (ކޭ.އައި.ޕީ) މަޝްރޫޢުގެ ދަށުން، ކަމާބެހޭ ފަރާތްތަކުގެ މެދުގައި ބާއްވާ ހާއްސަ މަޝްވަރާ ބައްދަލުވުމެއް ދަރުބާރުގޭގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ޖުމްލަ 29 ފަރާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ރާއްޖެއަށް ގޭސް އެތެރެކުރާ ފަރާތްތަކާއި، ސަޕްލަޔަރުންނާއި، ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ (އާރް.އޭ.ސީ) ސަރވިސް ކުރާ ޓެކްނީޝަނުންގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަންދޫބުން ހިމެނެއެވެ.

މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި ހައިޑްރޯފްލޯރޯކާބަންސް (އެޗް.އެފް.ސީ) ބޭނުންކުރާ މިންވަރު މަދުކުރުމަށް އެކުލަވާލާ "ފޭސް-ޑައުން ޕްލޭން" ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތާއި، ކަމާބެހޭ ފަރާތްތަކުގެ ލަފާ ހޯދުމެވެ. މިގޮތުން ރާއްޖެއަށް އެތެރެކުރާ ފިނިކުރާ ގޭހާއި އިކުއިޕްމަންޓްތަކުގެ ތަފާސްހިސާބުތަކާއި، އާރް.އޭ.ސީ ދާއިރާގައި އަމަލުކުރަމުންދާ އުސޫލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގެ ނިމުމުގައި، މަޝްވަރާތަކުގައި ބައިވެރިވެ މަޢުލޫމާތު ހިއްސާކުރި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

މި މަޝްރޫޢަކީ ތިމާވެއްޓަށް ގެއްލުންދޭ ގޭސްތައް ބޭނުންކުރުން މަދުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.