މޫސުމީ ބަދަލުތަކަށް ހޭނުމާއި ބިމުގެ ބޭނުން ހިފުމާ ގުޅޭ މަޝްވަރާ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މޫސުމީ ބަދަލުތަކަށް ހޭނުމާއި، ކާރިސާތަކުގެ ނުރައްކާ ކުޑަކުރެވޭނެ ފަދަ ގޮތަކަށް ބިމުގެ ބޭނުން ހިފުމާ ގުޅޭ އުސޫލުތައް (ކްލައިމެޓް-ރެސިލިއަންޓް އެންޑް ރިސްކް-އިންފޯމްޑް ލޭންޑް-ޔޫސް ގައިޑް) ހަރުދަނާކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމަކީ، ބަދަލުވަމުންދާ މޫސުމަށް ރިޢާޔަތްކޮށް ރަށްރަށުގެ ބިމުގެ ބޭނުން ހިފުމުގެ ޕްލޭންތައް އެކުލަވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދުތައް މުރާޖަޢާކޮށް ހަރުދަނާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދާއިރާގެ ތަޖުރިބާކާރުންނާއި، ޕްލޭނަރުން އަދި ކަމާގުޅުންހުރި މުއައްސަސާތަކުގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން، މޫސުމީ ބަދަލުތަކަށް ހޭނުމާއި ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ބިމުގެ ބޭނުން ހިފުމުގެ އުސޫލުތަކުގެ ތެރޭގައި ހިމެނިދާނެ ގޮތްތަކާ ގުޅޭގޮތުން ވަރަށް ފައިދާހުރި މަޝްވަރާތަކެއް ކުރެވުނެވެ. ޚާއްޞަކޮށް، ރާއްޖެއަކީ މޫސުމީ ނުރައްކާތަކަށް ހުށަހެޅިފައިވާ ޤައުމަކަށްވާއިރު، ކުރިމަތިވެދާނެ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ރަށްރަށުގެ ޕްލޭންތައް އެކުލަވައިލާއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.
މި ބައްދަލުވުމުގެ އެންމެ ބޮޑު މަޤުޞަދަކީ، އެކުލަވައިލެވޭ އުސޫލުތަކަކީ ރަށްރަށުގެ މުޖުތަމަޢުތަކަށް އަމަލީ ގޮތުން ބޭނުންކުރެވޭނެ އަދި ނަތީޖާ ނެރެވޭނެ ފަދަ އުސޫލުތަކަކަށް ހެދުމެވެ. މިކަމަށްޓަކައި ބައިވެރިންގެ ފަރާތުން ލިބުނު ފަންނީ އިރުޝާދުތަކާއި ތަޖުރިބާތަކަކީ މި މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ލިބުނު ބޮޑު ބާރެއްކަން ބައްދަލުވުމުގެ އިންތިޒާމުކުރި ފަރާތުން ފާހަގަކުރިއެވެ.
