logo
banner image

އިނގިރޭސިވިލާތުން ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ ޓެރިފް ކަނޑާލައިފި

އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ 20 އިންސައްތައިގެ އިމްޕޯޓް ޓެރިފް، ކަނޑާލުމަށް އެ ގައުމުން ނިންމައިފިއެވެ.

މިހާތަނަށް، އިނގިރޭސިވިލާތުގެ ބާޒާރަށް ކަނޑުމަހުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ ދިހަ ގައުމުގެ ތެރެއިން ހަތް ގައުމު ކަމަށްވާ އިކުއެޑޯ، މޮރިޝަސް، ސީޝެލްސް، ގާނާ، ފިލިޕީންސް، ސްޕެއިން އަދި ނެދަލޭންޑްސްއަށް އެއްވެސް އިމްޕޯޓް ޑިއުޓީއަކާއި ނުލައި ކަނޑުމަހުގެ އުފެއްދުންތައް އެތެރެކުރެވެމުން ދިޔައިރު ރާއްޖޭގެ އުފެއްދުންތަކަށް 20 އިންސައްތައިގެ ޓެރިފެއް ދައްކަން ޖެހުމަކީ ދިވެހި އުފެއްދުންތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ދިވެހިރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑު މަސް އެކްސްޕޯޓް ކުރެއެވެ. މިހާރުވެސް އިނގިރޭސިވިލާތަށް އެންމެ ގިނައިން މަސް އެތެރެކުރާ 9 ވަނަ ޤައުމަކީ ދިވެހިރާއްޖެއެވެ. ރާއްޖޭގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރާ ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެވެސް ބަލައިގަނެއެވެ.

އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ 20 އިންސައްތައިގެ އިމްޕޯޓް ޓެރިފް، ކަނޑާލުމަށް ނިންމުމުން އެކަމުގެ އެންމެ ބޮޑު މަންފާއެއް ކުރާނީ ދިވެހި މަސްވެރިންނަށާއި، މަސްވެރި އާއިލާތަކަށާއި މަސްވެރި ރަށްރަށާއި އަދި ރާއްޖޭގެ މަސް ބަންދުކުރާ ސިނާޢަތަށެވެ. މީގެ ސަބަބުން މަހުގެ އުފެއްދުންތަކަށް ލިބޭ އާމްދަނީ އިތުރުވެ، އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ސިނާޢަތަކީ މަސްވެރިކަމުގެ ސިނާޢަތެވެ. ދިވެހިރާއްޖެއިން ރޯ މެޓީރިއަލް އެކްސްޕޯރޓް ކުރުމުގެ ބަދަލުގައި ދިވެހިރާއްޖޭގައި ވީހާވެސް ގިނައިން މަހާއި މަހުގެ އަގުއެއްކުރި އުފެއްދުންތައް އުފައްދައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ މަސްލަހަތު ހިމާޔަތްކުރުމަށް ވަކީން ހާއްސަ އިސްކަމެއް އެމަނިކުފާނު ދެއްވައެވެ. މިގޮތުން، އިނގިރޭސިވިލާތަށް އެމަނިކުފަނު ކުރެއްވި ދަތުރުފުޅުގައިވެސް އިނގިރޭސިވިލާތު ރަސްގެފާނާއި ސަރުކާރުގެ އިސްބޭފުޅުންގެ އަރިހުން ވެސް އެދިލެއްވި އެންމެ މުހިއްމު އެއްކަމަކީ ދިވެހިރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުގެ ޓެރިފް ކަޑާލުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުން ވަނީ މި އިންތިޒާމަކީ ދާއިމީ އުސޫލަކަށް ހެދުމަށްޓަކައި އިނގިރޭސި ސަރުކާރާއެކު ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ސަރުކާރުގެ އަމާޒަކީ ދިވެހި މަސްވެރިންގެ އުފެއްދުންތަކަށް ބައިނަލްއަޤުވާމީ ބާޒާރުގައި އެންމެ ރަނގަޅު އަގު ހޯދައިދިނުމެވެ.