logo
banner image
ޚާރިޖީ ވުޒާރާ

މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ އަރިހަށް ސިންގަޕޫރުގެ ސަފީރު ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމްްގެ އަރިހަށް ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު މިސްޓަރ ސޫ ކޮކް ލެންގ ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި މިއަދު ބޭއްވި މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްް ވަނީ ސަފީރު ސޫ ކޮކް ލެންގްގެ ސަފީރުކަމުގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވާފައިވާ މުހިއްމު މަސައްކަތްތައް ފާހަގަ ކުރައްވައި، ދިވެހިރާއްޖެއާއި ސިންގަޕޫރާއިއެކު އޮންނަ ޒަމާންވީ ގާތްގުޅުން ކުރިއެރުވުމަށްޓަކައި އެމަނިކުފާނު ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ސިންގަޕޫރުން ރާއްޖެއަށް އަބަދުވެސް ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ އެކަމަށް އެކަމަނާ ޝުކުރުއަދާކުރެއްވިއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާއެކި މައްސަލަތަކުގައި ދިވެހިރާއްޖެއާއި ސިންގަޕޫރާއި ގާތްކޮށް މަސައްކަތްކުރާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ސިންގަޕޫރު ސަފީރުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސިންގަޕޫރުން ދިވެހި ރާއްޖެއާއިއެކު އޮންނަ ގާތްކަމާއި އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ސިންގަޕޫރާއި އެކު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ނުހަނު އިސްކަންދޭކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ. އަދި ސަފީރަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެން، ސިންގަޕޫރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ނޮން-ރެޒިޑެންޓް ސަފީރަށްވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.