logo
banner image
ޚާރިޖީ ވުޒާރާ

ވ. އަތޮޅުގައި ހިނގި ފީނުމުގެ ހާދިސާ - 18 މޭ 2026

ވ. އަތޮޅުގެ ކަނޑުގެ ސަރަހައްދުގައި 14 މޭ 2026 ގައި ހިނގި ހިތާމަވެރި ފީނުމުގެ ހާދިސާގައި އިޓަލީވިލާތުގެ 5 ފަތުރުވެރިން ގެއްލުނު ޚަބަރު ލިބުނު ވަގުތުން ފެށިގެން ދިވެހި ޚާރިޖިއްޔާ އާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް (މޯލްޑިވަސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓް ގާޑް) އާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ (މޯލްޑިވްސް ޕޮލިސް ސަރވިސް) އާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި، ބަންޑާރަ ނައިބު އާއި، ދިވެހި ސަރުކާރުގެ އިސް ތަރުޖަމާނު އަދި އިޓަލީވިލާތުގެ ސަރުކާރާ ގުޅިގެން ވަރަށް ގާތުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމް.އެން.ޑީ.އެފް. ކޯސްޓް ގާޑްގެ ޑައިވަރުންގެ މަސައްކަތުން މި ހާދިސާގައި ގެއްލުނު އެކެއްގެ ހަށިގަނޑު ހަމަ އެ ދުވަހު ހޯދިފައިވެއެވެ. އަދި، މިދިޔަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާދިސާ ހިނގި ސަރަޙައްދަށް ވަޑައިގެން މަސައްކަތައް ކުރިއަށްދާގޮތް ވަރަށް ގާތުން ބައްލަވާފައެވެ. އަދި އެ މަނިކުފާނުގެ އަރިހުގައި ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ވެސް ވ. އަތޮޅަށް ވަޑައިގެންނެވިއެވެ. ގެއްލިފައިވާ ޑައިވަރުންގެ ތެރެއިން 4 މީހުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް 16 މޭ 2026 ގެ ނިޔަލަށް ކުރިއަށް ގެންދެވުނެވެ. އަދި މި މަސައްކަތް ކޮށްފައިވަނީ އެމް.އެން.ޑީ.އެފް. ކޯސްޓް ގާޑް ގެ ޤަވާޢިދު ތަކާއި ޢުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.

ގެއްލިފައިވާ ފަތުރުވެރިން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން އާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އަށް ކޯސްޓްގާޑުން އެރުވިއެވެ. އަދި އެ މަނިކުފާނު ވަނީ އެމް.އެން.ޑީ.އެފް. ކޯސްޓްގާޑް އަދި ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަތުން ދެމުންގެންދާ އަގުހުރި މަސައްކަތަށް ޝުކުރު އަދާ ކުރައްވައި، އެ ބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ގެއްލުނު އިޓަލީވިލާތުގެ 4 ފަތުރުވެރިންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތުގައި މަސްޢޫލުވެ އުޅެނިކޮށް އެމް.އެން.ޑީ.އެފް.ގެ ސްޓާފް ސާޖަންޓު މުޙައްމަދު މަހުދީ، 16 މޭ 2026 ގައި ނިޔާވުމުގެ ހިތާމައާ ގުޅިގެން ސަރޗް އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލެވުނެވެ.

އަދި، ޚާރިޖީ ވުޒާރާ އިން އިޓަލީވިލާތުގެ އެމްބަސީ އާ ގުޅިގެން ކުރެވުނު މަސައްކަތުގައި ޑައިވަރސް އެލަރޓް ނެޓްވަރކް (ޑީ.އޭ.އެން.) ޔޫރަޕް ފައުންޑޭޝަން ގެ އެހީގެ ދަށުން ފިންލޭންޑް އަށް ނިސްބަތްވާ ތަޖުރިބާކާރު 3 ޑައިވަރުން ހިމެނޭ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހި، އެމް.އެން.ޑީ.އެފް. ކޯސްޓްގާޑް އަދި ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަތުން ކުރަމުން ގެންދާ މަސައްކަތުގައި ބައިވެރިކުރުވުމަށް ހަމަޖެހުނެވެ.

އިޓަލީވިލާތުން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު، ހިޒް އެކްސަލަންސީ ޑަމިއާނޯ ފްރާންކޯވީގް އަދި އޭނާގެ ވަފްދުގެ މެމްބަރުން ގެންދަވަނީ މި ހިތާމަވެރި ހާދިސާ އާ ގުޅިގެން ކުރިއަށްދާ ކަންކަން ވަރަށް ގާތުން ބައްލަވަމުންނެވެ. އަދި އެ މަނިކުފާނު ވަނީ 16 މޭ 2026 ވަނަ ދުވަހު ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތަޝާމް އާދަމް އާ ބައްދަލުކުރައްވައި، ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށާއި މި ހާދިސާ އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޓަލީވިލާތުގެ ރައީސް އަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖަށާއި ޚާރިޖީ ވަޒީރު އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ. އަދި އިޓަލީވިލާތުގެ ފަތުރުވެރިންގެ ހަށިގަނޑުތައް ހޯދުމުގައި ޝާމިލްވެ އުޅެނިކޮށް އެމް.އެންޑީ.އެފް.ގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވުމުން ހިތާމަ ފާޅުކުރައްވައި ތަޢުޒިޔާ ވިދާޅުވިއެވެ.

މި ބައްދަލުވުގައި ޚާރިޖީ ވަޒީރު ވަނީ އެމް.އެން.ޑީ.އެފް. އިން ފަތުރުވެރިން ހޯދުމަށް ކުރާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަމަށް ވިދާޅުވެފައެވެ. އަދި މި ދަނޑިވަޅުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމު ކަމާގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ފިންލޭންޑްގެ ތަޖުރިބާކާރު ޑައިވަރުން ވަނީ 17 މޭ 2026 ގައި ރާއްޖެ އައިސްފައެވެ. އަދި އެމް.އެން.ޑީ.އެފް ކޯސްޓްގާޑް އާއި ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަތުންނާއި އަދި ފިންލޭންޑްގެ ޑައިވަރުން ގުޅިގެން މިއަދު ކުރި މަސައްކަތުގައި ގެއްލުނު އިޓަލީވިލާތުގެ 4 ފަތުރުވެރިންގެ ހަށިގަނޑުތައް ފެނިފައިވެއެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި ހަށިގަނޑުތައް ކަނޑު އަޑިން ނެގުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.