logo
banner image

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ދަސްވެނިވެއްޖެ

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ.

އެ ކަމަށް ޓަކައި މެއި 17ވަނަ ދުވަހު އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ.

2026 ޖަނަވަރީ 31އިން 2026 މެއި 16އަށް ކުރިއަށްގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި ރާއްޖޭގެ 112 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވިއެވެ. 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ބައިވެރިވި މި ކޯހުގައި ދަސްވެނިވި ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ.

މި ޕްރޮގްރާމްގައި، ދިވެހި ޤައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި، ލޭންގުއޭޖް ޕްރޮފިޝަންސީއާއި، ލީޑަރޝިޕާއި، އިސްލާމިކް ސްޓަޑީސްއާއި، ފިޒިކަލް ޓްރޭނިންގއާއި، ވޯޓަރމަންޝިޕާއި، ޑްރިލްއާއި، ފަސްޓް އެއިޑާއި، ފަޔަރ ފައިޓިންގއާއި، ސެލްފް ޑިފެންސް އަދި ކޭމްޕް އެކްޓިވިޓީސް އުނގަންނައިދީ ހުނަރުތައް ދަސްކޮށްދީފައި ވެއެވެ. މި މާއްދާތައް ކިޔަވައިދެއްވީ ސިފައިންގެ މުދައްރިބުންގެ އިތުރުން ކަމާ ބެހޭ ވުޒާރާތަކުގެ ފަންނީ މާހިރުންނެވެ.

14 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، 343 ދަރިވަރުން ވަނީ ދަސްވެނިވެ، ސެޓިފިކެޓް 3 އިން ސިވިކް އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް އެވޯޑް ހާސިލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން އަދި ދަރިވަރުންގެ ޢާއިލާތަކުގެ މެންބަރުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތް ކުރެއްވި، ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ހަނދާނުގައި، އެއް މިނެޓްގެ ސުކޫތެއް ގެނެސްފައިވެއެވެ.

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގ ޕްރޮގްރާމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ، ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި ރައްޔިތެއް ބިނާކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚިޔާލުފުޅާ އެކު ކުރިއަށްގެންދާ ޓްރޭނިންގ ޕްރޮގްރާމެކެވެ.