logo
banner image

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ނިޔާވި، އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ (ސަރވިސް ނަމްބަރު: 6029)ގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފިއެވެ.

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިރޭ 22:00ގައި އިސްލާމީ މަރުކަޒުގައެވެ. އަދި، މައްޔިތާ ފަސްދާނުލާފައިވަނީ މައްޗަންގޮޅީ އާސަހަރާގައެވެ.

މި ޖަނާޒާގައި ބައިވެރިވެލައްވައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒުއާއި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދުއާއި، ދިވެހި ދައުލަތުގެ އިސްވެރިންނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ޖެނެރަލް އޮފިސަރުންނާއި، ސިފައިންގެއަށް ކުރިން ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުން އަދި، ގިނަ އަދަދެއްގެ ސިފައިން ވަނީ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. މި ޖަނާޒާގައި، ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ މޫނު ދެއްކުން ކުރިއަށްދިޔަ ވަގުތު، ސިފައިން ވަނީ ސަންދޯއް ކައިރީ ގާޑް މައުންޓްކޮށްފައެވެ. އިސްލާމީ މަރުކަޒުގައި ކުރެވުނު ކަށުނަމާދަށް ފަހު، ސަންދޯއް އުފުލާފައިވަނީ ސިފައިންގެ ސަންދޯއްވެރިންގެ ކޮނޑުމަތީގައެވެ. އަދި، ސަންދޯއް ވަޅުލުމުގެ ކުރިން، ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޢާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ.

ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި މި ޖަނާޒާގައި ސިފައިން ވަނީ ހަތްބަޑީގެ ސަލާމާއި، ރަސްމީ ކުރުނީހެއް އަރުވާފައެވެ.

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ، މި ދުނިޔެއާ ވަކިވެދިއުމަކީ ދިވެހި ސިފައިންނަށް ލިބުނު ވަރަށް ފުން ހިތާމައެކެވެ. ޤައުމީ ޚިދުމަތުގައި، ސިފައިންގެ ޑިއުޓީއެއްގައި އުޅުއްވަނިކޮށް ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި އިރު، ސިފައިންގެ ޚިދުމަތުގައި އިޚްލާޞްތެރިކަމާ އެކު ޚިދުމަތް ކުރައްވާތާ 20 އަހަރާއި 4 މަހާއި 27 ދުވަސް ވަނީ ވެފައެވެ.

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ އަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވިންގ ޔުނިޓުގައި މަސައްކަތްކުރައްވަމުން ގެންދެވި އެ ފަންނުގައި އެތައް ތަމްރީނެއް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަކުރައްވާފައިވާ ހުނަރުވެރި، ޤާބިލު، ތަޖުރިބާކާރު ޑައިވަރެކެވެ. ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ފުރިހަމަކުރައްވާފައިވާ ކޯސްތަކާއި ތަމްރީނުތަކުގެ ތެރޭގައި، އޯޕަން ވޯޓަރ ޑައިވިންގ ކޯހާއި، ޝިޕް ޑައިވަރ ކޯހާއި، ޑައިވް މާސްޓަރ ކޯހާއި، ރެސްކިޔު އެންޑް ސެލްވޭޖް ކޮމާންޑް ކޯހާއި، ވެސެލް ބޯޑް ސަރޗް އެންޑް ސީޒަރ ކޯސް ފޮރ ބޯޑިންގ ޓީމްސް އެންޑް އެމްއައިއޯ ޓްރެއިނިންގ ފަދަ ތަމްރީނު ކޯސްތައް ހިމެނެއެވެ. ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީއަކީ އޯޕަން ވޯޓަރ ޑައިވިންގ ކޯސްތަކުގައި މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވެލެއްވި، އަދި އެ ރޮނގުން އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި މަސައްކަތްކުރެއްވި ބޭކަލެކެވެ. އޭނާ ވަނީ އެމްއެންޑީއެފް އެންސީއޯ އެކެޑަމީގައި ހިންގާ ކެރިއަރ ކޯސްތައް ކަމުގައިވާ ކޯޕްރަލް ކޯހާއި، ސާޖަންޓް ކޯހުގެ އިތުރުން، ބާސްކެޓްބޯލް ޓޭބަލް އޮފިޝަލްސް ޓްރެއިނިންގ ކޯސް ވެސް ފުރިހަމަކުރައްވާފައެވެ.

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ އިޚްލާޞްތެރި ޚިދުމަތާއި، ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ސަބަބުން، 4 މެޑެއްޔާއި 9 ކުލަ ލިބިލައްވާފައިވެއެވެ. ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީއަށް ލިބިލައްވާފައިވާ މެޑެލިތަކުގެ ތެރޭގައި ހިމެނެނީ، 17ވަނަ ސާކް ސަމިޓް މެޑެއްޔާއި، މިނިވަން 50ގެ މެޑެއްޔާއި، ޖުމްހޫރީ 50ގެ މެޑެލި، އަދި އިންސާނީ ޚިދުމަތުގެ މެޑެލި - ކޮވިޑް 19 އެވެ. ޝަރަފުގެ ނިޝާނުގެ ކުލައިގެ ގޮތުގައި ލިބިލައްވާފައިވަނީ އަޚްލާޤީ ކުލަ އެއްވަނަ ފަހަރަށާއި، ދެވަނަ ފަހަރަށާއި، ތިންވަނަ ފަހަރަށެވެ. އަދި ކާމިޔާބުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އަދި ހިތްވަރުގަދަކަމުގެ ކުލައެވެ.

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ނިޔާވުމުގެ ހިތާމައިގައި، 48 ގަޑިއިރަށް ސިފައިންގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ނިޔާވުމުގެ ފުން ހިތާމައިގައި، އެންމެހާސިފައިން ބައިވެރިވަނީ، ފުން އަސަރާއި، ކަރުނައާއި، މަރުޙޫމަށް އޮތް މަތިވެރި އިޙްތިރާމާ އެކުގައެވެ. އަދި މި ހިތާމައިގެ ދަނޑިވަޅުގައި، ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ލޮބުވެތި ޢާއިލާއަށް، މާތް ﷲ، ކެތްތެރިކަން މިންވަރުކޮށްދެއްވައި، އެކަލާންގެ ތަނަވަސްވެގެންވާ ރަޙްމަތްފުޅާއި މަގުފިރަތުގައި، މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ އެންމެ މަތިވެރި ޖައްނަތުލް ފިރްދައުސްގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި.

آمیـــــــــــــن یارب العالمين