logo
banner image
ޚާރިޖީ ވުޒާރާ

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ގަލްފު ގެ ގައުމުތަކުންނާއި ޖޯޑަން އިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފި

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން، ބަހުރައިން، ކުވައިތު، ޤަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަދި ޖޯޑަން އިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފި އެވެ.

މި ގަރާރަކީ ހޮރްމޫޒު ކަނޑުއޮޅިއާއި, ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، މިނިވަންކަމާއެކު އުޅަނދު ފަހަރު ދަތުރުފަތުރުކުރުމުގެ ޙައްޤުތަކާއި ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ހުށަހަޅާ ފައިވާ ގަރާރެކެވެ.

މި ގަރާރު ދިވެހިރާއްޖެ އިން ކޯ ސްޕޮންސާ ކުރަން ނިންމި ނިންމުމުގެ ސަބަބުން، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ހިމެނޭހެން ކަނޑުގެ ޤާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ޤަބޫލުކުރާ އުޞޫލުތަކާއި، މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ޙައްޤު ދެމެހެއްޓުމާއި، އަދި ކަނޑުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖެ ފަދަ، އާޗިޕެލަޖިކް ޤައުމުތަކަށް ލިބިގެންވާ ޚާއްސަ ޙައްޤުތަކާއި އިހްތިޞާޞްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ އެވެ.

މި ނިންމުން ނިންމާފައިވަނީ މި ޤަރާރުގެ ސަބަބުން ރާއްޖޭގެ ޤައުމީ މަޞްލަޙަތަށް، ނުވަތަ ކަނޑުގެ ސަރަޙައްދީ އިޚްތިޞާޞަށް، ނުވަތަ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ޖަޒީރާ ޤައުމުތަކަށް ލިބިގެންވާ ޙައްޤުތަކަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކަށް އަމަލުކުރަން ދިވެހިރާއްޖެ އިން އިސްތިސްނާވާ ގޮތުގެ މަތިންނެވެ.

ގަލްފުގެ މަސްރަޙު އިތުރަށް ގޯސްވިޔަނުދީ, ބައިނަލްއަޤުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ އަދި ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް އިސްކަން ދިނުމަށް ދިވެހިރާއްޖެ އިން ދަނީ ބާރުއަޅަމުންނެވެ.