logo
banner image

10 މޭ އިން ފެށިގެން ވެސަލް ޑިކްލަރޭޝަނާއި، ފަޔަރވޯކްސް އިމްޕޯޓް ޕަރމިޓް އަދި ފްލެއާ އިމްޕޯޓް ޕަރމިޓަށް އެދޭ ޚިދުމަތްތައް "ޓްރޭޑިއަން" މެދުވެރިކޮށް ލިބޭނެ

ދިވެހިރާއްޖޭގެ ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކޮށް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް "ޓްރޭޑިއަން" އަށް އިތުރު ޚިދުމަތްތަކެއް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން 10 މޭ 2026 އިން ފެށިގެން، ވެސަލް ޑިކްލަރޭޝަނާއި، ފަޔަރވޯކްސް އިމްޕޯޓް ޕަރމިޓް އަދި ފްލެއަރ އިމްޕޯޓް ޕަރމިޓަށް އެދުމުގެ ޚިދުމަތް މި ޕްލެޓްފޯމް މެދުވެރިކޮށް ލިބިގެންދާނެއެވެ.

މިއީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާ އެއްގޮތަށް، އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ހުރިހާ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޓްރޭޑިއަން ޕްލެޓްފޯމްގެ ފުރަތަމަ ފިޔަވަހި އަމަލީގޮތުން ބޭނުންކުރަން ފަށާފައިވަނީ 20 އޭޕްރީލް 2025 ގައެވެ. މި ނިޒާމުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ ވިޔަފާރިއާއި އުޅަނދުފަހަރުގެ ކްލިއަރެންސް މަސައްކަތްތަކުގައި ބައިވެރިވާ އެކި އިދާރާތައް އެއް ވިއުގައަކުން ގުޅާލައި، އެ މަސައްކަތްތައް ލުއިފަސޭހަކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އަވަސްކުރުމެވެ.

އަލަށް ތައާރަފުކުރެވުނު މި ޚިދުމަތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 10 މޭ 2026 ވާ އާދިއްތަ ދުވަހުއެވެ. ނަމަވެސް، މި ބަދަލަށް ކަސްޓަމަރުންނާއި ކަމާގުޅުންހުރި ފަރާތްތައް އަހުލުވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން، 10 ޖޫން 2026 އާ ހަމައަށް މިހާރު ބޭނުންކުރަމުންދާ ވަސީލަތްތަކުގެ އިތުރުން ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ވެސް ޚިދުމަތަށް އެދުމުގެ ފުރުސަތު އޮންނާނެއެވެ.

11 ޖޫން 2026 އިން ފެށިގެން ވެސަލް ޑިކްލަރޭޝަނާއި، ފަޔަރވޯކްސް އިމްޕޯޓް ޕަރމިޓް އަދި ފްލެއަރ އިމްޕޯޓް ޕަރމިޓަށް އެދޭ ހުރިހާ އެޕްލިކޭޝަނެއް ބަލައިގަންނާނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށެވެ.