މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް 2026 ކާމިޔާބުކަމާއެކު ކޮލޮމްބޯގައި ބާއްވައިފި
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ އިގްތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ބޭއްވި "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް 2026" ކޮލަމްބޯގެ ހިލްޓަން ހޮޓަލުގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މި ފޯރަމްގައި ދެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި، ވިޔަފާރިވެރިން އަދި އިންވެސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއިރު، ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާވެސް މި ފޯރަމް ޝަރަފުވެރިކޮށްދެއްވިއެވެ. މީގެ އިތުރުން، ދެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި އަމިއްލަ ވިޔަފާރިތަކުގެ މަންދޫބުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފޯރަމްގެ ތެރެއިން ކުރިއަށްދިޔަ ސެޝަންތަކުގައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން "އިންވެސްޓް މޯލްޑިވްސް" އިން މުހިންމު ޕްރެޒެންޓޭޝަނެއް ހުށަހެޅިއެވެ. މި ޕްރެޒެންޓޭޝަނުގައި ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލާއި، އިންވެސްޓަރުންނަށް ހުރި އިގްތިސާދީ މަންފާތަކާއި ލުއިފަސޭހަތަކުގެ އިތުރުން، ދިގުމުއްދަތުގެ އިގްތިސާދީ ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަކި ސެޝަންތަކެއް ބޭއްވުނެވެ. މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެމެހެއްޓެނިވި ތަރައްގީއަށާއި، އުފެއްދުންތަކުގެ ފެންވަރު މަތިކުރުމަށާއި، ބައިނަލްއަގުވާމީ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
މި ފޯރަމްގެ ތެރެއިން ބޭއްވުނު 'ނެޓްވޯކިންގ' ސެޝަންތަކުގެ ސަބަބުން، ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ސީދާ މުއާމަލާތްކޮށް، އާ ޕާޓްނަޝިޕްތައް އުފެއްދުމަށާއި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް މަގުފަހިވެގެންދިޔައެވެ.
"މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް 2026" އަކީ ދެ ގައުމުގެ މެދުގައި އޮތް ބަދަހި އިގްތިސާދީ ގުޅުން ދައްކުވައިދޭ މުހިންމު ހަރަކާތެކެވެ. އަދި މިއީ ދެ ގައުމަށްވެސް ފައިދާކުރަނިވި، ދިގުދަމަހައްޓަނިވި ގުޅުމެއް ގާއިމުކުރުމަށް ދެ ގައުމުން ކުރާ މަސައްކަތުގެ ހެއްކެކެވެ.
