ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް "އަޚުލާޤު" ސެޝަނެއް ބާއްވައިފި
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ފަރާތުން ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި އަދި މަދަރުސާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ރިސާލަތު" ޕްރޮގްރާމްގެ ދަށުން، މި ވުޒާރާގެ މުވައްޒަފުންނަށް "އަޚުލާޤު" ސެޝަނެއް މިއަދު ބާއްވައިފިއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މި ވުޒާރާގެ އިސްވަރު އޮފީސް ހޯލްގައެވެ.
މި ސެޝަންގައި ފަންނާއި، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދާއި، މުޝީރު އައްބާސް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، މިނިސްޓްރީގެ ޤައުމީ ދާރުލްއާސާރު ހުންނަ އިމާރާތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މި ބައްދަލުވުމުގައި ބައިވެރިވެ، މަޢުލޫމާތު އޮޅުންފިލުވާފައިވެއެވެ. މި ބައްދަލުވުމަކީ މުވައްޒަފުންގެ މެދުގައި އިސްލާމީ ރިވެތި އަޚުލާޤު އަށަގެންނެވުމާއި، މަސައްކަތުގެ މާޙައުލުގައި ސީދާ މަގުން ކަންކަން ބެހެއްޓުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ބޭއްވުނު ސެޝަނެކެވެ.
މި ސެޝަންގައި މުވައްޒަފުންނަށް މަޢުލޫމާތު ދެއްވައި، ދީނީ އަދި އަޚުލާޤީ ގޮތުން ހޭލުންތެރިކަން އިތުރުކޮށްދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ދާޢީ އައްޝައިޚް ޢާޒިމް ޚާލިދުއެވެ.
"ރިސާލަތު" ޕްރޮގްރާމަކީ މުޖުތަމަޢުގެ އެކި ފަންތިތަކުގެ މީހުންނަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެ ވުޒާރާއިން މެދުކެނޑުމެއްނެތި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
